twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޤައުމީ އިނާމު ދޭ އުޞޫލުތައް ބަދަލުކޮށް ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

May 30, 2011

ޤައުމީ އިނާމު ދޭ އުސޫލުތައް ބަދަލުކޮށް މިއަހަރުގެ ޤައުމީ އިނާމަށް، ނަން ހުށަހެޅުމުގެ ފުރުޞަތު ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހުޅުވާލައިފިއެވެ.

ޖުމުހޫރީ ދުވަހާ ގުޅުވައިގެން ދެއްވަމުންގެންދަވާ ގައުމީ އިނާމަށް ގެންނެވި ބަދަލުތަކާބެހޭގޮތުން އެކޮމެޓީގެ ޗެއާރމަން މަޙުމޫދު ރާޒީ ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލައި، އިނާމަށް އެކިފަރާތްތައް ހޮވުމުގެ ކަންތައްތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ގެންދިޔުމާ ބެހޭގޮތުން ކޮމިޓީގައި ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

ގައުމީ އިނާމު ދިނުމުގައި އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ އިނާމު ދިނުމުގައި ބަލާ ހިދުމަތުގެ މުއްދަތަށެވެ. އެގޮތުން ޝަރަފުގެ ޤައުމީ އިނާމު ދިނުމުގައި މިއަހަރުން ފެށިގެން ބަލާނެ މުއްދަތަކީ ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ޚިދްމަތްކޮށްފައިވުމެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ޚިދްމަތުގައި ޖުމްލަ 35 އަހަރުވުމެވެ. މުއައްސަސާއަކުންނަމަ، ހިތްވަރުދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ޚިދްމަތުގައި އެކު ޖުމްލަ 35 އަހަރުވުމެވެ. ޝަރަފުގެ އިނާމު ދިނުމުގައި ކުރިން ބަލާ މުއްދަތަކީ 25 އަހަރެވެ.

ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދިނުމުގައި ވަކި ފަރުދެއްނަމަ ކުރިން ބަލަމުން އައި 5 އަހަރުގެ ބަދަލުގައި މިހާރު ބަލާ މުއްދަތަކީ، އެދާއިރާއެއްގައި މަދުވެގެން 10 އަހަރު ޚިދްމަތް ކުރުމެވެ. އަދި މުއައްސަސާއަކުންނަމަ، ޚިދްމަތް ދިނުމުގައި މަދުވެގެން 10 އަހަރުވުމެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާމަން މަހުމޫދު ރާޒީ ވިދާޅުވީ މިފަހަރު ގެނައި އެންމެ މުހިންމު އެއްބަދަލަކީ، އިނާމު ދެއްވާ ދާއިރާތަކުގެ ރޮނގުތައް ހާމަކުރެއްވުން ކަމަށެވެ. ފާއިތުވި ދެއަހަރުވެސް ހާމަކުރައްވަނީ ހަމައެކަނި ހިދުމަތުގެ ދާއިރާ ކަމަށާއި ހިދުމަތުގެ ދާއިރާގެ ރޮނގޮތަށް ހާމަކުރެއްވުމުގައި ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާ ހޯއްދެވި ކަމަށް ރާޒީ ވިދާޅުވިއެވެ.

ޤައުމީ އިނާމު ދެމުން އައި 23 ދާއިރާގެ ބަދަލުގައި އެކިދާއިރާތަކުގެ މަސައްކަތަށް ބެލުމަށްފަހު މިއަހަރު 5 ދާއިރާއެއް އިތުރުކުރައްވާފައިވާކަމަށް އިނާމާބެހޭ ކޮމިޓީން މައުލޫމާތު ދެއެވެ.

މިއަހަރު އިތުރުކޮށްފައިވާ 5 ދާއިރާއަކީ ކީރީތި ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާ، ޤާނޫނީ ދާއިރާއާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، ބޯޓް ބިލްޑިންގގެ ދާއިރާއާއި، އެޕްލައިޑް އާޓްސްގެ ދާއިރާއެވެ. މީގެ ތެރެއިން ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުން ކުރިން ހިމަނުއްވާފައިވަނީ، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގެނުމުގެ ދާއިރާގެ ތެރޭގައި ބައްލަވާ ރޮނގެއްގެ ގޮތުގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވަން ޖެހެނީ ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްކަމަށް އެކޮމިޓީން މައުލޫމާތު ދެއެވެ. އަދި ގައުމީ އިނާމަށް އެދި ހުށަހަޅާ ފޯމްތައް، ހުށަހެޅުން ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355