twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސޮލާހު: ބޭނުންވަނީ ކޭކުގެ ދުނިޔޭގައި ދެވެން އޮތް އެންމެ ދުރަށްދާން!

ނަބީލާ އިސްމާޢީލް
May 22, 2022
1

ޕޭސްޓްރީ އާއި ބޭކަރީ މަސައްކަތްތަކަކީ މިހާރު ރާއްޖޭގައި ވަރަށް ޑިމާންޑް ބޮޑު ވިޔަފާރިއެކެވެ. އޭގެ ތެރެއިންވެސް ކޭކު އެޅުމަކީ މިހާރު ޒުވާނުންގެ މެދުގައި މަޤްބޫލު މަސައްކަތެކެވެ. އަދި އެކަމުގައި ހަރަކާތްތެރިވާ ހުނަރުވެރިން ޒުވާނުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

ނަމަވެސް މިމަސައްކަތުގައި ހަރަކާތްތެރިވާ ފިރިހެން ކުދިން ނުވަތަ ފިރިހެނުން އަދިވެސް މި ދާއިރާއިން ފެންނަނީ ވަރަށް މަދުންނެވެ. އެކަމަކު މި ފަހަރު މި ގެނެސްދެނީ އެފަދަ ޒުވާން ފިރިހެން ހުނަރުވެރިއެއްގެ ވާހަކަ އެވެ.

ކުޅުދުއްފުއްޓަށް އުފަން އުމުރުން 26 އަހަރުގެ ސޮލާހު މުހައްމަދަކީ " ސްވީޓް އެޑިކުޓެޑް އެމްވީ " ނަމުގައި އިންސްޓަގުރާމުން ޕޭޖެއް ހަދައިގެން ކޭކު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހިތްވަރާއެކު މަސައްކަތްކުރާ ހުނަރުވެރި ޒުވާނެކެވެ.

ކުޅުދުއްފުށީ އެމްއޯސީ ބުކްޝޮޕްގައި މަސައްކަތް ކުރަމުން ލިބޭ ހުސްވަގުތު ކޭކު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ސޮލާހު މި މަސައްކަތް ކުރަން ދަސްކުރީ ޔޫޓިއުބް ފަދަ ސައިޓްތަކުން ޕޭސްޓްރީގެ ވީޑިއޯ ބަލައިގެން އަމިއްލައަށެވެ.

މި މަސައްކަތަށް ކުރަން ޝައުގު އުފެދުން ގޮތް ކިޔައިދެމުން ސޮލާހު ބުނީ އަބަދުވެސް ކައްކަން ޝައުގުވެރިކަން ހުންނަ ކަމަށެވެ. އެހެންވެ އަބަދުވެސް ރައްޓެހިންނާއެކު އެ އެއްޗެހި ކައްކާ އުޅެމުން ގޮސް އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރުމުގެ ގޮތުން އަޅާފައި ހުންނަ ކޭކުތަކާއި ކޭކުއަޅާ ގޮތުގެ ވީޑިއޯ ބަލައިގެން ކޭކު އަޅަން ދަސްކޮށްގެން ކޭކު އަޅަން ފެށިފަހުން 2 އަހަރަށް ވުރެއް ގިނަދުވަސް ވެދާނެ ކަމަށެވެ.

މި މަސައްކަތުގައި ސޮލާހަށް އެންމެ ބޮޑު އެހީއަކަށް ވަނީ އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމެވެ. އޭނާ ކުރާ ޕޭސްޓްރީ މަސައްކަތްތަކުގެ ތެރޭގައި އައިސިން ކޭކް ހެދުން، ވިޕް ކުރީމް ކޭކް ހެދުމުގެ އިތުރުން ކަޕް ކޭކާއި ބްރައުނީސް އަދި ކުކީސް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

ޕޭސްޓްރީ މަސައްކަތް ކުރާ އެހެން ފަރާތްތަކެކޭ އެއްގޮތަށް ސޮލާހަށްވެސް މިމަސައްކަތުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭނުންވާ ތަކެތި ރަށުން ލިބެން ނުހުރުންކަން އޭނާ ހިތާމަޔާއެކު ފާހަގަކުރި އެވެ.

ސޮލާހުގެ އުންމީދަކީ ވެޑިންގ ކޭކެއް ފަދަ ބޮޑެތި މަސައްކަތްތައް ގިނައިން ލިބި ރަށުންނާއި އަތޮޅު ތެރެއިންވެސް ބަލައިންގަންނަ ފަދަ މީހަކަށް ވުމެވެ. އަދި މިދާއިރާއިން ދެވެން އޮތް އެންމެ ދުރަކަށް ދިއުމަކީ އޭނާގެ އަޒުމެކެވެ.

ސޮލާހު ބޭނުންވަނީ މިއީ ވަކި ޖިންސަކަށް ހާއްސަ މަސައްކަތެއް ނޫންކަން ސާބިތުކޮށްދީ މިއީ ފިރިހެން ކުދިންނަށްވެސް ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދޭށެވެ.

މި މަސައްކަތުގައި ސޮލާހަށް ކުރިއަށް ދެވެނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުވެސް މެއެވެ. އެގޮތުން އާއިލާއާއި ރަހުމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން "ކޭކު ކުރަޝް އެމްވީ" އަދި "ބޭކް އެންޑް ޓުރީޓް އެމްވީ" މިދެ ޕޭޖު ހިންގާފަރާތުންގެ ނަން ވެސް ސޮލާހު ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355