twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރޯދައަށް ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

May 18, 2022

ރޯދަޔަށް ސައުދީ ސަރުކާރުން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެންމެ ފުރަތަމަ ކަދުރު ބަހާނީ ފަގީރުންނަށް ކަމަށެވެ. އެއީ ގޭބިސީއަކަށް ޕެކެޓެއްގެ އުސޫލުންނެވެ. ސައޫދީން ދީފައިވާ 50 ޓަނު ކަދުރު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެއީ 25،000 ޕެކެޓް ކަދުރެވެ.

ފަގީރުން ނެތް ރަށްރަށުގައި ކަދުރު ބަހާނީ ކަދުރު ބަލައި އަންނަ ތަރުތީބުންނެވެ. ފަގީރުން އުޅޭ ރަށްރަށުގައި ކަދުރު ބަހާނީ ފަގީރުންނަށް ކަދުރު ބެހުމަށްފަހު ދެން ކަދުރު ބަލައި އަންނަ ތަރުތީބުންނެވެ.

މިނިސްޓްރީން ބުނީ ސައުދީ އިން މިފަހަރު ހަދިޔާކުރި ކަދުރުން ފަގީރުންނަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަށް ޖެހެނީ 26 ޕެކެޓް ކަދުރު ކަމަށެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ ހުންނަ އިސްލާމީ މަރުކަޒުންނެވެ. ކަދުރު ބަލައި އަންނައިރު ބަލައި އަންނަ މީހެއްގެ އައިޑީކާޑު ގެންނަންވާނެ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މާލެ ސަރަހައްދުން ކަދުރު ބަހާނީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:45 އިން މެންދުރު 2:00 އަށެވެ. އަތޮޅުތެރެއަށް ރަށްރަށުގެ ކައުންސިލްތަކުން ކަދުރު ބަހަން ހަމަޖެހިފައިވާއިރު ކައުންސިލްތަކުން ވެސް މި ވަގުތު ކަދުރާ ހަވާލުވުމަށް އައުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމީ މަރުކަޒުގައި ކަދުރު ބަހާނެ އެވެ.

ސައުދީ ސަރުކާރުން އާންމުގޮތެއްގައި ރާއްޖެއަށް ހަދިޔާކުރާ ކަދުރު ރޯދައިގެ ކުރިން ބަހަ އެވެ. އެކަމަކު މިފަހަރު ރޯދައިގެ ފަހުން ކަދުރު ބަހަނީ ކަދުރު ފޮނުވުމުގައި ލަސްތަކެއް ދިމާވެފައިވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355