ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމައިފި އެވެ.
ދެކުނު އެފްރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ސެންޑިލް އެޑްވިން ޝޯކްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނު ވިދާޅުވީ، އެ އެމްބަސީ ހުޅުވަނީ ދެކުނު އެފްރިކާގެ ޕްރިޓޯރިއާގައި ކަމަށެވެ. އަދި އެއީ މުޅި އެފްރިކާ ސަރަހައްދުގައި ވެސް ދިވެހި އެމްބަސީއެއް ގާއިމުކުރާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތައްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ދެކުނު އެފްރިކާ ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ސޯލިހް ވަނީ ދެކުނު އެފްރިކާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެކުނު އެފްރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދެއްކެވިއެވެ.
ރައީސްގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ދެކުނު އެފްރިކާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެގޮތުން އެ ޤައުމުގެ ޕްރިޓޯރިއާގައި މި ހުޅުވިގެންދާ އެންބަސީ ވެގެންދާނީ މުޅި އެފްރިކާ ބައްރުގައިވެސް ދިވެހި އެންބަސީއެއް ޤާއިމްކުރެވޭ ފުރަތަމަ ފަހަރުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.
އަދި މި އެންބަސީ ހުޅުވިގެންދިއުން ވެގެންދާނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޓޫރިޒަމާއި އުމްރާނީ ތަރައްޤީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ދެކުނު އެފްރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރެވުނީ 27 ޖުލައި 1994 ވަނަ އަހަރުއެވެ.