ކުޅުދުއްފުށި ސިޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ، ކުނީގެ މައްސަލަ ހައްލުކުރުމަށް އަންނަ ޖޫންމަހުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކުރެވޭނެކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކުނީގެ މައްސަލައަކީ މިވަގުތު ކުޅުދުއްފުއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރަމުން މޭޔަރު ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭތުވެދިޔަ އަހަރު މަސައްކަތްތަކެއް ކުރެވުނުކަމަށާއި ސަރުކާރާއެކު މިކުރާ މަސައްކަތުގައި ކުނީގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.
ކައުންސިލަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ދާއިމީ ގޮތެއްގައި ކުނި މެނޭޖްކުރުމަށް އަންނަ ޖޫންމަހު ތެރޭގައި ވެމްކޯއާއެކު އެގްރިމެންޓަކާހަމައަށް އާދެވޭނެ ކަމަށާއި އެންމެ ފުރަހަމަ ވެމްކޯއާ ހަވާލުކުރާނީ ކުނިކޮށި މެނޭޖްކުރުމަށް ކަމަށެވެ.
"ޖޫންމަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް (ވެމްކޯ)އާއެކު އެގްރިމެންޓަކަށް އާދެވޭނެ. އެކަމަކު ފުރަތަމަ އެ ބޭފުޅުންނާ ހަވާލުކުރާނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރު މެނޭޖްކުރުމަށް." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ޓައިމްލައިންތަކެއް ހެދި ކުނިމެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާއެކު ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ކުނިކޮށި ހަމައަކަށް އެޅުވުމަށްފަހު ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްވެސް ވެމްކޯއާ ހަވާލުކުރެވޭނެ ކަމަށެވެ. އަދި ރަށުން ކުނި ބޭރުކުރެވޭނެ ގޮތްވެސް ސަރުކާރާއެކު މަސައްކަތް ކުރެވިގެން ހާސިލްކުރެވޭނެކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ.
ކުނީގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ވޭތުވެދިޔަ އަހަރުތެރޭގައި ކުރި ބައެއް ކަންކަން ހާމަކުރައްވަމުން މޭޔަރު ވިދާޅުވީ، ކުނިކޮށި އަލިކުރެވި އަދި އެންމެ ފުރިހަމައަށް ނޫންކަމުގައިވިޔަސް ކުނި އުކުމަށް ވަކި ކޮށިންތަކެއް ގާއިމުކުރެވިފައިވާކަމަށެވެ. އެކަން އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ކުނިކޮއްޓަކީ ޒަމާންތަކެއްވެފައި އޮތް ތަނެއްކަމަށްވިޔަސް އެތަނުގައި އިންފާރެއް ނެތުމުގެ ސަބަބުން މިހާރު އިންފާރު ރޭނުމުގެ މަސައްކަތް މިމަހުގެ ފަހު ކޮޅު ނުވަތަ އަންނަމަހުގެ އެވޯޑްކުރެވިގެންދާނެ ކަމަށެވެ.