ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް އަމާޒުކޮށްގެން އިއުލާނުކުރި ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވް "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ފަށައިފި އެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ޕްރޮގްރާމްގެ ބައިވެރިންނާއި ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް އިން ބައްދަލުކޮށް ޕްރޮގްރާމްގެ އޮރިއެންޓޭޝަން ސެޝަންއެއް ވަނީ ދިރާގުގެ ހެޑް އޮފީހުގައި ކުރި އަށް ގެންގޮސްފަ އެވެ.
"ގަލްސް އިން ޑޭޓާ" އަކީ ޑޭޓާ އަށް ބަރޯސާވެފައިވާ މިއަދުގެ ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން އެޅޭ ފުރަތަމަ ފިޔަވަޅެވެ. އަދި މިއީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ހިންގާ ފުރަތަމަ ފަހަރެވެ. ސާދަ ސެޝަންއަށް ބަހާލައިގެން ދޮޅު މަސް ދުވަހަށް ދެމިގެންދާ މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި އޭގެން މާނަ ދޭހަކުރުމާއި ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް ޕްރޮގްރާމުގެ ބައިވެރިންނަށް ދަސްކޮށްދެވޭނެ އެވެ.
"ގާލްސް އިން ޑޭޓާ" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލެވުނީ ގްރޭޑް ފަހެއް އަދި ހަތެއްގެ (10 އަހަރާއި 13 އަހަރާ) ދެމެދުގެ މާލެ ސަރަހައްދުގެ އަންހެން ކުދިންނަށް އަމާޒުކޮށެވެ. މި ޕްރޮގްރާމްގެ ސެޝަންތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މީގެ އިތުރުން މިޕްރޮގްރާމް ސްޓަކްކްޗާ ކުރެވިފައިވަނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ޒިޔާރަތްކޮށް ފީލްޑް ޓްރިޕްތައް ވެސް ހިމަނައިގެންނެވެ. އެއީ ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދާދިނުމުގެ ބޭނުމުގައެވެ.
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މައިގަޑު މަގުސަދަކީ، ޅައުމުރުގައިވެސް އަންހެންކުދިންގެ މެދުގައި ޑޭޓާ އާއި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި ޖެންޑަރ ގެޕް ކުޑަކުރުމަށް ބާރުއެޅުމެވެ. "ގަރލްސް އިން ޑޭޓާ" ގެ އިތުރުން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން "ގަރލްސް ޓު ކޯޑް" ސީރީޒް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެއެވެ.