twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރާއްޖޭގެ ޗެމްޕިއަން މާޒިޔާއިން އިންޑިއާގެ ވަރުގަދަ ގޯކުލަމް ބަލިކޮށް ދެވަނަ ބުރުގެ އުއްމީދު އާކޮށްފި

މުޙައްމަދު އަހުމަދު
May 21, 2022

މިހާރު ކުރިއަށްދާ އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގައި މިއަދު ރާއްޖޭގެ ޗެމްޕިއަން މާޒިޔާއިން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާ އެފްސީ ބަލިކޮށް އަނެއް ބުރަށް ދިއުމުގެ އުއްމީދު އާކޮށްފި އެވެ.

މިރޭ ކުޅެވުނު ފޯރިގަދަ މެޗު މާޒިޔާއިން ކާމިޔާބުކުރީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. މާޒިޔާއިން ވަނީ ފުރަތަމަ މެޗުގައި ބަޝުންދަރާ ކިންގްސް އަތުން 1 - 0 ން ބަލިވެފަ އެވެ. ގޯކުލަމުން ވަނީ ފުރަތަމަ މެޗުން އޭޓީކޭ މޯހަން ބަގާން ބަލިކޮށްފަ އެވެ. އެހެންނަމަވެސް މިއަދު މޯހަން ބަގާން ވަނީ ބަޝުންދަރާ ކިންގްސް 4 - 0 އިން ބަލިކޮށްފަ އެވެ.

މިއާއެކު ހަތަރު ޓީމު ވެސް އޮތީ ތިން ޕޮއިންޓާއެކު ތާވަލުގައި ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. މިއަދުގެ މެޗު ފަށައިގެން މާޒިޔާއިން ވަނީ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާ މެޗުގެ ކޮންޓްރޯލް ނަގާފަ އެވެ. މުޅި މެޗުހެން މާޒިޔާއިން ޑޮމިނޭޓްކުރިއިރު މެޗުގައި މާޒިޔާއިން ވަނީ ގޯކުލަމްއާ ހިލާފަށް އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. ހާއްސަކޮށް މާޒިޔާގެ ހަމްޕު އަދި އައިސަމްގެ ހަމަލާ ފާހަގަކޮށްލެވެ އެވެ.

މެޗުގެ ހަމައެކަނި ގޯލު މާޒިޔާއިން ކާމިޔާބުކުރީ މެޗުގެ 50 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ ޓަނާ ޑޮމިންގޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މާޒިޔާގެ ހުނަރުވެރި ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. މީގެ އިތުރުން މާޒިޔާގެ ފޭދޫ އިއްބެއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނުނަމަވެސް ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

މުބާރާތުގައި ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު އަންގާރަ ދުވަހު ހަވީރު ގޯކުލަމް ކުޅޭނީ ބަޝުންދަރާއާ އެވެ. އެރޭ އޭޓީކޭ މޯހަން ބަގާންއާ މާޒިޔާ ބައްދަލުކުރާނެ އެވެ. މި ގްރޫޕުން އެއް ވަނަ ހޯދާ ޓީމަކަށް އިންޓަ ޒޯނަލް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355