twitterviber whatsapp telegramfacebookyoutube instagram
9th April 2026

ސެންޓަރު މުހައްމަދު ނިޔާވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 22, 2022
7

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އިސް މަގާމުތަކެއް ފުރުއްވި، މުހައްމަދު ހަސަން (49އ) ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

މިއަދު ހަވީރު ހިރަފުސް ދަނޑުގައި ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލިއަކަށް މުހައްމަދު ހަސަން ވެއްޓުމުން، އެވަގުތު ކުޅެން ހުރި ކޭއާރުއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ނަޒީފް، މުހައްމަދަށް ވަގުތުން ސީޕީއާރުދީ، ފަރުވާދިނެވެ. އޭނާ ވެއްޓުނީ ބޯޅައެއް ދިފާއުކުރުމަށްފަހު ކަމަށް މަންޒަރު ދުއް މީހުން ކޭއޯއަށް މައުލޫމާތުދިނެވެ.

ކޭއާރުއެޗްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، މުހައްމަދު ނިޔާވީ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށްކަމަށެވެ. ބެލެވޭގޮތުގައި އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

މުހައްމަދު ހަސަންއަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެ ހޮސްޕިޓަލްގެ ވެރިއެއްގެ މަގާމާއި ޒިންމާދާރުވެރިޔާގެ މަގާމު ގިނަ ދުވަހު ފުރުއްވާފަ އެވެ. އޭނާ ނިޔާވިއިރު ހުންނެވީ އެ ހޮސްޕިޓަލްގެ ސީނިއަރ ލެބޯޓްރީ ޓެކްލޮޖިސްޓްގެ މަގާމުގަ އެވެ.

މުހައްމަދު ނިޔާވިއިރު ދެ ފިރިހެން ކުދިންނާއި އަނބަކު ދުނިޔޭގައި އެބަ ތިއްބެވެ. އޭނާގެ ބައްފަ، ސިއްހީ ހިދުމަތްތެރިޔާ ހަސަން އަހުމަދު (ސެންޓަރު ހަސަންބެ) ވެސް ދާދި ފަހުން ވަނީ ނިޔާވެފަ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި އަގުހުރި ހިދުމަތްތަކެއް ގިނަދުވަސްތަކަކަށް ކޮށްދެއްވާފައިވާ ސެންޓަރު ހަސަންބެ ނިޔާވެފައިވަނީ މިއަހަރުގެ ފެބްރުއަރީމަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355