އިއްޔެ މުޅި ކުޅުދުއްފުށި ހިމޭންކޮށްލީ މުހައްމަދު ހަސަންގެ (49އ) ކުއްލި މަރުންނެވެ. ހަވީރު ހިރަފުސް ދަނޑުގައި ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، އެތަނުގައި ވަގުތުން ސީޕީއާރުދީ ފަރުވާދިނެވެ. މުހައްމަދަށް ދަނޑުމަތީގައި ފަރުވާދިނީ އެ ވަގުތު އެތަނުގައި ކުޅެން ހުރި ޑރ ނަޒީފެވެ. ހޮސްޕިޓަލަށް ގެންދެވެންދެން އޭނާއަށް ފަރުވާދިނެވެ.
އެކަމަކު މުހައްމަދު ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. އޭނާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް 19:00 ޖެހިފަހުންނެވެ. އެ ހޮސްޕިޓަލްގެ އޮފިސަލަކު ވިދާޅުވީ އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. މުހައްމަދުގެ ބައްޕަ، ސިއްހީ ހިދުމަތްތެރިޔާ ހަސަން އަހުމަދު (ސެންޓަރު ހަސަންބެ) ވެސް ނިޔާވީ މިއަހަރުގެ ފެބްރުއަރީމަހު އެވެ. އެ ހިތާމަ ނުފިލައިގެން އުޅެނިކޮށް އާއިލާގެ އެންމެ ދޮށި މީހާ ނިޔާވުމުން އާއިލާއަށް ވަނީ ބަރުދާސް ނުކުރެވޭވަރުގެ ފުން ހިތާމައެއް ލިބިފަ އެވެ.
މުހައްމަދު ނިޔާވުމާއެކު މުޅި ކުޅުދުއްފުށި ވަނީ ހިތާމާގަ އެވެ. އާއިލާއަށް ތައުޒިޔާ ކިޔާ، ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހެޔޮ ދުއާކޮށް، ޝުޢުރޫފާޅުކުރަމުންވެ. ގިނަ ބަޔަކު މުހައްމަދު ދަންނަނީ އޭނާގެ ބައްޕަ ފަދައިން ސިއްހީ ހިދުމަތްތެރިއެއްގެ ގޮތުންގަ އެވެ. ގާތްއެކުވެރިއެއްގެ ގޮތުގަ އެވެ.
މުހައްމަދުގެ މަރާއެކު އޭނާ ވަޒީފާއަދާކުރަމުންދިޔަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ، މުހައްމަދަކީ 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ސިއްހީ ދާއިރާއަށް އަގު ނުކުރެވޭހާ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ ވަކިވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށެވެ.
މުހައްމަދުގެ ކުއްލި މަރާއެކު ހެލްތް މިނިސްޓްރީންވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔާ، ހިތާމައިގައި ބައިވެރިވެފަ އެވެ.
ތަޢުޒިޔާގެ މެސެޖް @KRHmv pic.twitter.com/LE1CDLS0Of
— Ministry of Health (@MoHmv) May 23, 2022
إنّا لله وإنّا إليه راجعون
— Kulhudhuffushi Regional Hospital (@KRHmv) May 22, 2022
މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!
އަދި މައްޔިތާގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
آمین ياربّ العالمين pic.twitter.com/mP5HTqrffd
ހެލްތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު ވިދާޅުވީ، މުހަންމަދު ހަސަން ގެ ކުއްލި މަރުގެ ޙަބަރު އެހީ ވަރަށްފުން ހިތާމައާއެކު، އޭނާއަކީ ސިއްހީ ދާއިރާއަށް ނުހަނު ގިނަ ގުނަ ހިދުމަތް ތަކެއްކޮށްދެއްވާފައިވާ ހިތްހެޔޮ މީހުންނާ ގުޅޭ ހުލްޤް ހެޔޮ މީހެއް ކަމަށެވެ.
"އޭނާއަކީ ސިއްހީ ދާއިރާއަށް ނުހަނުގިނަ ގުނަ ޚިދުމަތް ތަކެއްކޮށްދެއްވާފައިވާ ހިތްހެޔޮ،މީހުންނާގުޅޭ ހުލްޤް ހެޔޮ މީހެއް. ހާއްސަކޮށް ހދ. ރީޖަނަލް ހޮސްޕިޓަލްގައި އޭނާކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރެވޭ. މުހަންމަދު ހަސަން ވަކިވެދިޔުމަކީ ސިއްހީ ދާއިރާއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑުގެއްލުމެއް." ހެލްތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މާހިރު ވިދާޅުވި އެވެ.
"މުހައްމަދަކީ ވަރަށް ހިތްހެޔޮ އެކުވެރިއެއް. އަބަދުވެސް ފެންނާނީ ހިނިތުންވުމާއި ސަކަމިޒާޖާއެކު." ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ހާޝިމް އަބޫބަކުރު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ މުހައްމަދަކީ އޭނާއަށް ލިބި ހުރި އިލްމާ ހިލްމު އެހެން މީހުންނަށް ބުނެދިނުމުގައި އެފަދަ ދެވަނައެއް ނެތް މިސާލެއް އަދި ހިންގުންތެރި ވެރިއެއް ކަމަށެވެ.
މުހައްމަދަކީ ވަރަށް ހިތްހެޔޮއެކުވެރިއެއް. އަބަދުވެސް ފެންނާނީ ހިނިތުންވުމާ ސަކަމިޒާޖާއެކު. ލިބިހުރި އިލްމާ ހިލްމު އެހެންމީހުންނަށް ބުނެދިނުމުގައި އެފަދަ ދެވަނައެއް ނެތް. މުހައްމަދު ވަކިވެގެންދިއުމީ @KRHmv އަށާ މުޅި ސިއްހީދާއިރާއަށް ލިބުނު ހީނަރުކަމެއް. ސުވަރުގެ މިންވަރުކުރައްވާށި https://t.co/2ytUbEwa6J
— Hashem Abu Bakr (@hashem_abubakr) May 23, 2022
"ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެކި މަސައްކަތްތައް ކުރުމަށް ކުރެވުނު ދަތުރުތަކުގައިވެސް ފާހަގަވީ ވަރަށް ގާތުން ކަންކަން ބަލައި މަސައްކަތް ދާގޮތް ބަލައި ހަދާކަން. އަދި ހޮސްޕިޓަލުގެ ކަންކަމަށް ދިން އަހައްމިއްޔަތު. މުހައްމަދު ވަކިވެގެންދިއުމީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ރާއްޖޭގެ ސިއްހީދާއިރާއަށް ލިބުނު ބޮޑު ހީނަރުކަމެއް." ހާޝިމް ވިދާޅުވި އެވެ.
މުހައްމަދު ހަސަންއަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެ ހޮސްޕިޓަލްގެ ވެރިއެއްގެ މަގާމާއި ޒިންމާދާރުވެރިޔާގެ މަގާމު ގިނަ ދުވަހު ފުރުއްވާފަ އެވެ. އޭނާ ނިޔާވިއިރު ހުންނެވީ އެ ހޮސްޕިޓަލްގެ ސީނިއަރ ލެބޯޓްރީ ޓެކްލޮޖިސްޓްގެ މަގާމުގަ އެވެ. މުހައްމަދު ނިޔާވިއިރު ދެ ފިރިހެން ކުދިންނާއި އަނބަކު ދުނިޔޭގައި އެބަ ތިއްބެވެ.