ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން ގޯދުމަށް ސިވިލްސާވިސް ކޮމިޝަނުން ދޭންޖެހޭ ހުއްދަ ނުދޭކަމަށް ވުނެ ދެކެވެމުންދާ ވާހަކަތަށް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.
އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމުގެ ކުރިން އެކޮމިޝަނުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަން ކައުންސިލް އިދާރާތަކަށް ވާނީ އަންގަވާފައިކަމަށެވެ. އަދި އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާގެ ޒިންމާއެއް ކަމުގައި ދަންނަވާފައިވާނެކަމަށްވެސް ސީއެސްސީން ވިދާޅުވެއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ބޭރުން ވަކި ކަމަކަށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފެއް ނެގުމަށް ކައުންސިލަކުން ބޭނުންވާނަމަ ކަމާގުޅޭ މައުލޫމާތު އެ ކޮމިޝަނަށް ފޮނުވުމުން އެ މަގާމުތަކަށް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެ ކޮމިޝަނުން ދަނީ ހުއްދަ ދެމުން ކަމުގައިވެސް ސީއެސްސީން ވިދާޅުވެއެވެ. އަދި ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލާނެ އުސޫލެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅިގެން އެކުލަވާލައި އާންމުކުރެވިފައިވާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
އެ އުސޫލުގެ ތެރެއިން ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަކީ ކައުންސިލް އިދާރާތަކުގެ ޒިންމާއެކެވެ. އޮނިގަނޑު ފާސްނުވިކަމުގައި ވީނަމަވެސް ކައުންސިލް އިދާރާތަކަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް އެ ކައުންސިލް އިދާރާގެ ބަޖެޓުން ހަރަދު ކުރެވެންހުރި ނަމަ ކަނޑައަޅާފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ދެމުން ދާކަމަށްވެސް ސިވިލްސާވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.