twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހދ އަތޮޅުގެ ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގެއް ނުލިބޭ: ހިރިމަރަދޫ ރައީސް

އަބްދުލް ވާހިދު ޙަސަން
May 28, 2022
2

ހދ އަތޮޅުގައި ދަނޑުވެރިން ހައްދާ ތަކެއްޗަށް އެންމެ އެކަށީގެންވާ އަގެއް ނުލިބޭކަމަށް އަތޮޅު ކައުންސިލްގެ މެމްބަރު، ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގައި ދަނޑުވެރިކަން އިތުރުކޮށް އިގްތިސޯދީ ގޮތުން ކުރިއެރުން ހޯދުމަށް އަތޮޅު ކައުންސިލްގައި ދަނޑުވެރިކަމާ ބެހޭ ކޮމެޓީއެއް އެކުލަވާލުމަށް ރިޔާސަތު ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން މުހައްމަދު ވަހީދު ވިދާޅުވީ، ދަނޑުވެރިކަން މިއަތޮޅުގައި އިގްތިސޯދީގޮތުން ވަރުގަދަކުރުން، މިއީ ހަގީގަތުގައި ހދ އަތޮޅުގައި ވަރަށް ބޮޑު ގޮންޖެހުމެއް އޮތް ކަމެއް ކަމަށެވެ.

ދަނޑުވެރިކަން ކުރާ ރަށްރަށުން ހައްދާ ތަކެތި އެންމެ އެކަށީގެންވާ އަގެއް ނުލިބި ވަރަށް ގިނަ ތަަކެއްޗަށް ގެއްލުންވެ ރަނގަޅު އަގު ނުލިބޭ ކަމަށާއި އެއްޗެއް ވިއްކެނީ ވަރަށް ގެއްލުންވެގެންކަމަށް ވަހީދު ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ހައްދާ ތަކެތި ބޭރުކުރާނެ ފަރާތްތަކެއް ނެތީމަ ކަމަށެވެ. އަދި ކޮމެޓީއެއް އެކުލަވާލާއިރު ރައްޔިތުންނަށް އާމްދަނީއެއް ލިބޭނެ ކަންކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ވަހީދު ވިދާޅުވީ، ނަމަކަށް ކޮމެޓީއެއް އޮތުމަކީ ބޭކާރުކަމެއް ކަމަށެވެ.

ކޮމެޓީން ވާން ޖެހޭނީ ރައްޔިތުންނަށް މަންފާކުރާނެ ރައްޔިތުންނަށް ފެންނާނެ ގޮތަށް ކަންކަން ކުރާނެ ކޮމެޓީއެއްކަމަށް އޭނާ ވިދާޅުވި އެވެ. މި ބައްދަލުވުމުގައި ހދ އަތޮޅުގައި ދަނޑުވެރިކަން އިތުރުކޮށް އިގްތިސޯދީ ގޮތުން ކުރިއެރުން ހޯދުމުގެ ގޮތުން އަތޮޅު ކައުންސިލްގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަން ފާސްކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355