twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވިއަވަތި ކޮންފަރެންސްއަށް ފަހު ރައީސް މާލެ ވަޑައިގެންފި

May 29, 2022

ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވެވުމަށް އއ. އުކުޅަހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.

މިމަހުގެ 28-29 ގައި ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު އެއް މަޤްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުން ބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް ވަނީ އުކުޅަހުގައި ކުރިޔަށްގެންގޮސްފައެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށްދިޔަ މި ކޮންފަރެންސްގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންނާއި، ބިނާވެށި ޕްލޭން އެކުލަވާލުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ތަރައްޤީގައި އަންހެނުންގެ ކޮމިޓީގެ ދައުރާއި ގުޅޭގޮތުންނާއި، ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާއި ގުޅޭގޮތުން 4 ސެޝަނެއް ވަނީ ކުރިޔަށްގެންގޮސްފައެވެ.

ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްކަމަކީ ސިޓީއާ އަތޮޅާއި ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ނިންމުމުގައި އެ ސިޓީއެއް އަތޮޅެއް ނުވަތަ ރަށެއްގެ ކައުންސިލާ ރައްޔިތުންގެ މަޝްވަރާއާ އެކުގައި އެކަންކަން ނިންމުމަށް ފުރުސަތު ދެއްވުން ކަމުގައިވާތީ މި ސެޝަންތަކުގައި ކައުންސިލަރުން ހުށަހަޅުއްވަން ބޭނުންވެލައްވާ ކަންކަން ރައީސާއި ވަޒީރުންނަށް ހުށަހަޅުއްވައި އެކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ހިޔާލުބަދަލުކޮށް މަޝްވަރާކުރައްވާފައެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ފަންނީ ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ކޮމިޓީގެ ރައީސުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355