- ބައެއް ރަށްރަށަށް ދުވާލަކު 4 ނުވަތަ ފަސް ފްލައިޓް ޖައްސާއިރު އެ ފްލައިޓްތަކުން ދަތުރުކުރަނީ ވަރަށް މަދު ބައެއް. އެކަމަކު ޑިމާންޑް އޮތަސް ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް އިތުރުކުރަން ސަރުކާރުން ވަނީ ނުކުޅެދިފައި.
ކުޅުދުއްފުށިން މާލެއަށް ދާނެ ފްލައިޓް ޓިކެޓެއް ނުލިބިގެން، އެންމެ ފަހުން އޭނާއަށް މާލެ ދާން ޖެހުނީ 1000 ރުފިޔާއަށް ލޯންޗެއް ހިފައިގެން ހަނިމާދޫއަށް ގޮހެވެ. ވަރަށް ފަސޭހައިން ޓިކެޓް ލިބިއްޖެ އެވެ. ފްލައިޓަށް ގޮސް އެރިއިރު ތިބީ އެންމެ ތިން މީހުންނެވެ. ހިތާ ހިތާ ބުނެލެވުނެވެ؛ ބައެއް ރަށްރަށަށް ޑިމާންޑް ނެތަސް ދުވާލަކު ހަތަރު ފަސް ފްލައިޓް ބޭއްވޭތާ އެވެ. އެކަމަކު ކުޅުދުއްފުއްޓަށް ނުބޭއްވެނީ ކީއްވެބާއޭ.؟
މިއީ މީގެ އަހަރެއްހާ ދުވަސްކުރިން ކުޅުދުއްފުށީގެ އޮފީހެއްގެ ވެރިޔަކު ދިމާވި ކަމެކެވެ. މިއީ ހަމައެކަނި އޭނާއަށް އެކަނި ދިމާވާކަމެއްވެސް ނޫނެވެ. އަޅުގަނޑު ފެންނަ ކޮންމެ ފަހަރަކު މި ޝަކުވާ އޭނާ ކުރެ އެވެ. ދުވާލެއްގެ މައްޗަށް ހަތަރެއް ނުވަތަ ފަސް ފްލައިޓް ބައެއް ރަށްރަށަށް ބާއްވާއިރު މާލެ ދާން ޓިކެޓް ނަގާފައި ތިބެނީ މަދު ބައެކެވެ. އިސްވެ މި ބުނި ރަށަށްވެސް އެންމެ ގިނައިން މީހުން ދަތުރުކުރަނީ ކުޅުދުއްފުށިން ނެވެ.
މިފަދަ އެހެން ވާހަކަ އެކެވެ. އޮފީހުގެ އެކި ކަންކަމުގައި ވަރަށް ގިނައިން މާލެ ދާން ޖެހޭ މީހެކެވެ. އަހަރެއްގެ މައްޗަށް 10 ވަރަކަށް ފަހަރު އޭނާ މާލެ ދެ އެވެ. އެކަމަކު އެ ދިހަ ދަތުރުން 8 ނުވަތަ 7 ދަތުރުކުރަން ޖެހެނީ ހަނިމާދޫ މަގުންނެވެ. ލޯންޗަށްވެސް އިތުރު ހަރަދުކޮށްގެންނެވެ. ކުޅުދުއްފުށިން ޖާގަ އެއް ނުލިބެ އެވެ. މިއީ ވަރަށް ގިނަ ދަތުރުވެރިންގެ ޝަކުވާއެކެވެ. ކިތަށްމެ ޑިމާންޑް ބޮޑަށް ކުޅުދުއްފުއްޓަށް ދުވާލަކު ފްލައިޓެއްވެސް ނުބާއްވަ އެވެ. ކުޅުދުއްފުށީ ޓިކެޓް ހޯދަން އުޅެން ޖެހޭނީ ދެ ހަފްތާ ކުރިން ނުވަތަ އެއަށްވުރެއްވެސް ކުރިންނެވެ. ނޫންނަމަ ނުލިބޭނެ އެވެ.
މިދެންނެވި ސަބަބާ ހެދި އެއާޕޯޓުގެ އެންމެ އެދެވޭ ބޭނުން ރަށަށް ލިބޭކަމަށް ރަށުގެ ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. މި ދެންނެވީ ބައެއްފަހަރު ރަށުން މާލެއަށް ދަތުރުކުރަން ފުލައިޓުން ޖާގައެއް ނުލިބޭ ވާހަކަ އެއް ނޫނެވެ. އެއާޕޯޓެއް އޮވެ، ބަލި މީހަކު މާލެ ގެންދިއުމަށް ކަނޑުމައްޗަށް އަރުވައިގެން ކައިރީގައި އޮންނަ އެހެން އެއާޕޯޓެއްގެ ބޭނުން ހިފަން ޖެހުމަކީ އެވަގުތު އެ ބަލި މީހާއަށާއި އެ އާއިލާއަށްވެސް ތަހަންމަލުކުރަން ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް މިހާލަތު އިހުސާސް ނުކުރެވޭ މީހާ މިކަމަށްވެސް ފާޑު ކިޔާފާނެ އެވެ.
އަޅުގަނޑާ ވަރަށް ފަހުން ބައްދަލުވި ޑޮކްޓަރަކު ވިދާޅުވި އެވެ. މި ދޭތެރެއަކުންވެސް ހޮސްޕިޓަލްގައި އޮތް ހާލު ބޮޑު ބަލި މީހަކުވެސް މާލެ ނުގެންދެވި އެތަކެއް ދުވަސްތަކެއް ލަސްވި އެވެ. ކަނޑުމަގު ހަނިމާދޫއަށް ގެންދެވޭ ވަރަށްވުރެ ބަލި އެ މީހާއަށް ކުޅުދުއްފުށިން މާލެ ގެންދެވޭނެ ގޮތެއް ނުވީ މޯލްޑިވިއަންގެ ފްލައިޓުން ޖާގަ ނުލިބިގެންނެވެ. ޑޮކްޓަރު އިތުރަށް ވިދާޅުވި އެވެ. އެ ފަދަ އެތަށް ކަމެއް ކުރިމަތިވެ އެވެ. ކުޅުދުއްފުށީ މަގުން ޖާގަ ނުލިބުމުން އެތަކެއް ބަލި މީހުން މާލެ ނުގެންދެވި ފަރުވާ ލަސްވެ އެވެ. އެހެންވާ ބައެއް ފަހަރުތަކުގައި ދައުލަތުން ބޮޑު ހަރަދުކޮށް ފްލައިޓް ޗާޓާކޮށްފައިވެސް އެ ބަހުއްޓެވެ. ޑޯނިޔާ އާއި ހެލިކޮޕްޓަރުގައި އެތަކެއް ބަލި މީހުން ގެންގޮސްފަ އެ ބަހުއްޓެވެ.
އެންމެ ޑިމާންޑު ބޮޑުއެއް އެއާޕޯޓް ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓުން ޖާގަނުލިބޭތާގައި ކައިރީގައި އޮންނަ އެހެން އެއާޕޯޓަކަށް ދުވާލަކު 4 ފުލައިޓަށްވުރެން ގިނަ ފުލައިޓް އާންމުކޮށް ޖެއްސި ނަމަވެސް އެ ފްލައިޓުތަކުން އާންމު ގޮތެއްގައި 4 ނޫނީ 7 މީހުން ދަތުރުކުރާ ދުވަސްތަށް ވެސް މަދެއް ނޫނެވެ. އެހެން ކަމުން މިފުލައިޓްތަށް ކުޅުދުއްފުށްޓަށް ޓްރާންސިޓް ކޮށްފައި ދިއުމަކީ ބަޔަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއްކަން ކަށަވަރެވެ.
"ކުޅުދުއްފުއްޓަށް ޖާގައެއް ނުލިބިގެން މިއައީ ހަނިމާދޫ މަގުން އެކަމަކު މިއައި ދަތުރުގަވެސް އެ ބޯޓުގަ ތިބީ އެންމެ 7 މީހުން. އެކަމަކު އެ ވަރުންވެސް މިތަނަށް ޖެހޭ 6 ފުލައިޓް އަޅަން ދުވާލަކު." ދަތުރުވެރިއެއް ބުންޏެވެ.
އެންމެ ބާރުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓްކަމުގައިވާ މި ތަނުގައި ފްލައިޓް ޖައްސަން ފެށިތާ 4 އަހަރުވެގެން ދިޔައިރުވެސް ސަރުކާރުގެ މިތަނަށް ފްލައިޓް އިތުރުކޮށް ތަރައްގީކުރުމުގެ މާބޮޑު ވިސްނުމެއް ގެންގުޅޭ މަންޒަރެއް ނުފެނެ އެވެ. ދައްކަނީ ހުސް ވާހަކަތަކެވެ. ބައެއް ފަހަރު އުޒުރަކަށް ވަނީ އެއާޕޯޓްގައި ލައިޓް ނުހުންނާތީ އެވެ. ހަތަރު، ފަސް ފްލައިޓް ބާއްވާ ރަށްރަށުގައިވެސް ހުރިހާ ދަތުރެއް ކުރަނީ ދުވާލުކަން ރައްޔިތުންނަށް އެނގެ އެވެ.
މިސަރުކާރަށް 4 އަހަރުވާން ކައިރިވެފައިވާއިރު ކުޅުދުއްފުށްޓަށް މާބޮޑު އަޅާލުމެއް ނުފެނެ އެވެ. އެއާޕޯޓުން އެކަނިވެސް އެކަން ޔަގީންވެ އެވެ. އެހެން ހިދުމަތްތަކަށް ނަޒަރު ހިންގާލިޔަސް ގިނައީހަމަ މި ފަދަ ޝަކުވާތަކެކެވެ.