twitterviber whatsapp telegramfacebookyoutube instagram
17th August 2022

މޫސުމީ ބަދަލުތަކާ ހެދި ރާއްޖޭގެ އިގްތިސޯދަށް އަގުނުކުރެވޭވަރުގެ ގެއްލުން ލިބޭ: މޭޔަރު

އަބްދުލް ވާހިދު ޙަސަން
Jun 4, 2022
1

މޫސުމީ ބަދަލުތަކާ ހެދި ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި މި ގުރަހަ އަންނަ އޮތް ޖީލްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ގަސް އިންދުމާއި ސާފުކުރުމުގެ ހަރަކާތް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށްވެސް ހީނުކުރާވަރުގެ ބޮޑެތި ގެއްލުންތައް ލިބެމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އިގްތިސޯދުކަމުގައިވާ ފަތުރުވެރިކަމާއި ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަމަށް މޫސުމީ ބައްދަލުތަކާ ހެދި ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ މޭޔަރު ވާހަކަ ދެއްކެވި އެވެ.

ގުދުރަތީ ވަސީލަތްތައް ވިއްކައިގެން މަންފާ ހޯދަމުންދާ ފަތުރުވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މޭޔަރު ވިދާޅުވީ، މޫސުމީ ބަދަލުތަކާ ހެދި ފަރުތައް ހަލާކުވެ ބީޗްތައް ގިރައި ކަނޑުގެ ދިރުންތައް ނެތިދާ ކަމަށެވެ. އަދި މިއީ އަގުނުކުރެވޭވަރުގެ ގެއްލުންތައްކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އަދި ހަމަ މީގެ އިތުރުން މަސްވެރިކަމަށްވެސް ނޭދެވޭ އަސަރުތަކެއްކުރަމުންދާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އެންވެރިކަން ދަށްވުމާއި ބޭނޭ މަސް ކުދިވުމާއި ކުރިއާ ހިލާފަށް މަސް އައިނު ހޯދަން ކުރާ ދަތުރު ދިގުވުންފަދަ ކަންކަން ފާހަގަކުރެއްވި އެވެ. މޭޔަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށްވެސް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށެވެ.

"ދިވެހިރާއްޖެއަށް ބަލާލިޔަސް އިގްތިސޯދީ އެންމެ ބޮޑު ތިން ދާއިރާކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް. މި ތިން ދާއިރާއަށް ބަލާލިކަމަށްވިޔަސް މޫސުމީ ބަދަލުތަކާއި ޖައްވު ހޫނުވުމާ މިކަންކަމާ ގުޅިގެން އަޅުގަނޑުމެންނަށް އިހްސާސް ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދޭ." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، މިއަދު އެންމެންގެ ޒިންމާއަކީ "ޕްލެނެޓް އާރތް" އަންނަ އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނީ އެގޮތަށް ބައްޓަންކޮށްގެން ކަމަށެވެ.

"ރަށަށް ގެއްލުން ލިބިދާނެ އެއްވެސްކަމެއް ނުކުރުމަކީ އަޅުގަނޑުމެން މިއަދު އަޒުމު ކަނޑައަޅަން ޖެހޭނެ ކަމެއް. ގައުމަށް ޕްލެނެޓަށް ގެއްލުންވާނެ އެއްވެސްކަމެއް ފަރުދީ ހައިސިއްޔަތުން ނުކުރުމަކީ މިއަދު އަޒުމް ކަނޑައަޅަން ޖެހޭކަމެއް." މޭޔަރު އާތިފް ވިދާޅުވި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން ފަހެކެވެ. މި އަހަރުގެ ޝިއާރަކީ " އޮންލީ ވަން އާތް". އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355