ސިޓީ ކައުންސިލްގެ ހުއްދައާއެކު މަގުތަކާއި އާންމުތަންތަނުގައި އިންދާ ގަސްތަކަށް ގެއްލުންދޭކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެފަދަ ގަސްތަކަށް ގެއްލުންދޭނަމަ ފިޔަވަޅު އަޅާނެކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން ކައުންސިލާ އަދި މުވައްސަސާތަކާއި އާންމު ފަރުދުން އަންނަނީ މަގުތައް އަދި އާންމު ސަރަހައްދުތަކުގައިގަސް އިންދުމަށް ހާއްސަ ކުރުފެވިފައިވާ ތަންތަނުގައި ކައުންސިލްގެ ހުއްދައާއެކު ގަސް އިންދަމުން ކަމަށެވެ.
އެގޮތަށް އިންދާ ގަސްތަކަށް ބައެއް ފަރާތްތަކުން ގެއްލުންދޭކަމުގެ ޝަކުވާ ކައުންސިލަށް ތަކުރާތުކޮށް ލިބެމުންދާ ކަމަށާއި އެގޮތުން މަގުތަކުގައި އިންދާފައިވާ ގަސްތައް އެކަށީގެންނުވާ ވަރަށް ކޮށުމާއި އޮފި ބުރިކޮށް ގަސް ހެދި ބޮޑުވުމަށް ހުރަސް އެޅުންވެސް މިފަދަ އަމަލުތަކުގެ ތެރޭގައި ހިމޭނޭކަން ނުހަނު ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ، އެހެންކަމުން މަގުތަކުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދުމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އިންދާ ގަސްތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަ ކުރިއަށް އޮތްތަނުގައި ބަލައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެ ކަމަށެވެ.
އަދި މަގުތަކުގައި ހާއްސަ ކުރެވިފައިވާ ތަންތަނުގައި އިންދާފައިވާ ގަހެއް ކޮށަން ބޭނުންވެއްޖެނަމަ އެކަން ކުރުމުގެ ކުރިން ސިޓީ ކައުންސިލްގެ ހުއްދަ ނެންގެވުމަށްވެސް ކައުންސިލުން ނަސޭހަތްތެރިވެފައިވެ އެވެ.
މިފަދަ އިއުލާނެއް ސިޓީ ކައުންސިލުން ނެރެފައިވާއިރު ތިމާވެށީގެ ދުވަހާ ގުޅުވާ މިއަދު ވަނީ ކުޅުދުއްފުށީގައި 900 އަށްވުރެގިނަ ގަސް އިންދާފަ އެވެ. އަދި ބައެއް ސަރަހައްދުތައް ސާފުކޮށް ގިނަ އަދަދެއްގެ ކުނި ނަގާފައިވެސްވެ އެވެ.