twitterviber whatsapp telegramfacebookyoutube instagram
22nd September 2024

ވެލިގަނޑު ސަރަހައްދު ސާފުކޮށް 530 ކިލޯގެ ކުނި ނަގައިފި

Sep 22, 2024

ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.

މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާއި ކުޅުދުއްފުށީގެ 3 ސްކޫލާއި ސިޓީ ކައުންސިލް އަދި ވެމްކޯ ގުޅިގެން މިދިޔަ ހޮނިހިރުދުވަހު ކުރިއަށްގެންދިޔަ މި ސާފުކުރުމުގެ ޕްރޮގުރާމުގައި ވެލިގަނޑު ސަރަހައްދުން 530 ކިލޯގެ ކުނި ނަގާފައިވެ އެވެ.

އެތަނުން ހޮވި ކުނީގެ ތެރެއިން ގިނައީ ޕްލާސްޓިކް ކުންޏެވެ. އެގޮތުން 163 ކިލޯގެ ޕްލާސްޓިކް ފުޅި، 113 ކިލޯގެ ޕްލާސްޓިކް ކުނި ނެގި އެވެ. މީގެ އިތުރުން އެހެނިހެން ބާވަތްތަކުގެ ކުނީގެ ގޮތުގައި 254 ކިލޯގެ ކުނި ހިމެނެ އެވެ. ސާފުކުރުމުގެ މިހަރަކާތުގައި މި އިދާރާތަކުން 300 އެއްހާ މީހުން ވަނީ ބައިވެރިވެފަ އެވެ.

މެކްސްއިން އަންނަނީ ކުޅުދުއްފުށީގައި " PLEASE" - ޕްލާސްޓިކް ފްރީ ރިވަރސް އެންޑް ސީސް ޕްރޮޖެކްޓްގެ ފަންޑުގެ އެހީގައި ޕްލާސްޓިކް ކުނި މަދު ކުރުމަށާއި ކުނި މެނޭޖް ކުރުމަށް އެކުލަވާފައިވާ ދޮޅު އަހަރު ދުވަހުގެ ޕްރޮޖެކްޓެއްގެ މަސައްކަތްކުރަމުންނެވެ.

މިއީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަމަންޓް ޕްރޮގްރާމް "SACEP" ގެދަށުން، ވަރލްޑް ބޭންކުން ފަންޑު ކުރާ ޕްރޮގްރާމްއެކެވެ. މި ޕްރޮޖެކްޓްގެ ފަރިއުތުރު ކެމްޕެއިނަކީ ޕްލާސްޓިކް ކުނިމަދުކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕެއިނެކެވެ. އާއްމުކޮށް މިޕްރޮޖެކްޓުން ކުޅުދުއްފުށީގައި ހިންގާ އެކި ހަރަކާތްތަކުގެ މައުލޫމާތުތައް ފަރިއުތުރު ޝޯސަލް މީޑިއާ ޕޭޖްތަކުން ލިބެން ހުންނާނެއެވެ.

މެކްސްއިން ވަނީ މީގެ ކުރިންވެސް "ރޯދަ ސާފު" ނަމުގައި ފެބްރުއަރީ 2024 ގައި ކުޅުދުއްފުށީ ސްޕޯޓްސް އެކަޑަމީތަކާއި ސްކޫލުތަކާއެކު ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ސާފުކުރުމުގެ ހަރަކާތެއް ބާއްވާފައެވެ. މިގޮތުން ބާއްވާ ހަރަކާތް ތަކުގައި ޕްލާސްޓިކްކުނި ނެގޭ މިންވަރު ބަލާ ރެކޯޑްކޮށް ރަނގަޅު ގޮތުގައި ޕްލާސްޓިކް ކުނިނައްތާލުމަށް މަސައްކަތްކޮށްފައި ވާނެއެވެ. މިފަދަ ހަރަކާތްތަކުން ކުޅުދުއްފުށި ސާފުކޮށް ބޭއްވުމަށް ވަކިން ހާއްސަކޮށް ޕްލާސްޓިކް ކުނިމަދުކުރުމަށް އެހީތެރިވެދޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355