އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދުއްވާ ޕެސެންޖާ ފެރީއެއް ބަންނާނެ ކުންފުންޏެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައި ވަނީ ސޯލާ ހަކަތައާއި ބެޓެރީ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖާ ފެރީއެއް ޑިޒައިންކޮށް ބަންނާނެ ބަޔަކު ހޯދުމަށެވެ. މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް(އޭޑީބީ)ގެ އެހީތެރިކަމާއެކު ކުރާ މަސައްކަތެކެވެ. މި މަސައްކަތަށް ފަންޑުކުރާނީވެސް އޭޑީބީންނެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވެސް އޭޑީބީގެ މެންބަރު ގައުމުތަކުގެ ކުންފުނިތަކަށް އެކަންޏެވެ. ބީލަން ހުށްހެޅުމަށް ކުންފުނިތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަ ވާންޖެހޭނެކަމަށް އެ އިއުލާނުގައި ވެއެވެ.
މިމަސައްކަތަށް ބީލަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށެވެ.
އެ އިއުލާނުގައިވާގޮތުން މި ބީލަމަށް ހުށަހަޅާ ކުންފުންޏަށް ވޭތުވެދިޔަ ތިން އަހަރު އެވްރެޖު އާމްދަނީގެ ގޮތުގައި ހަތަރު ލައްކަ އެމެރިކާ ޑޮލަރު ލިބިފައިވާންޖޭހެނެއެވެ.
ހަމައެހެންމެ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި މި ބާވަތުގެ ދެ މަސައްކަތް މަދުވެގެން ކޮށްފައިވާންޖެހެއެވެ. އަދި ކޮށްފައިވާ ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 2.5 ލައްކަ އެމެރިކާ ޑޮލަރަށްވުރެއް ބޮޑުވާންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ފީގެ ގޮތުގައި 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 7،500 ޑޮލަރު ދައްކަން ޖެހެއެވެ.