ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައިވެސް ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ގާއިމްކުރެވި ރަށުގެ ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުންކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ބޭއްވި ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ކުންޏަކީ ރާއްޖެ އަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެކަން ހައްލުކުރަން ވެސް އެކި މަރުހަލާތަކަށް ބަހާލައިގެން މަސައްކަތްތަކެއް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
ތިމާވެށި ތަގައްޔަރުވުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަކީ ދިވެހިންގެ ރައްކާތެރިކަމާއި ތަރައްގީއަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި އަދި އެ މަސައްކަތުގެ ދަށުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމުކުރަން ވަނީ ހަމަޖައްސައިފައި ކަން ފާހަގަކުރެއްވި އެވެ.
ޝައުނާ ވިދާޅުވީ ރާއްޖޭގައި 13 ބާވަތެއްގެ ޕްލާސްޓިކް މަނާކޮށް، ތަންފީޒުކުރާ ސިޔާސަތުގެ ދަށުން އަންނަ އަަހަރުގެ ނިޔަލށް ރާއްޖޭގެ މޫދާއި ގޮނޑުދޮށްތަކުން ޕްލާސްޓިކް އެތައް ގުނައަކަށް މަދުވާނެ ކަމަށެވެ.
ޝައުނާ ވިދާޅުވީ ތިމާވެށީގެ ގޮތުން ހާއްސަ ސަރަހައްދުތައް ދެނެގަނެ އެފަދަ ތަންތަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮންމެ އަތޮޅަކުން އެއް ރަށާއި އެއް ފަރާއި ކަނޑޫފާ ހިމާޔަތްކުރުމުގެ މަަސައްކަތުގެ ދަށުން 79 ތަނެއް ސަރުކާރުން ވަނީ ރައްކާތެރިކުރަން ނިންމާފައި ކަމަށެވެ.