twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނެއްލައިދޫގެ ސިނާއީ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސައިދިނުމަށް އެދިއްޖެ

ބިން ފުރި، ޖާގައިގެ ދަތިތަކަން ކުރިމަތިވެފައިވާ ނެއްލައިދޫގެ ސިނާއީ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސައިދިނުމަށް، އެރަށު ކައުންސިލުން ރައީސް ސޯލިހަށް ހުށަހެޅުއްވީ އެ މަނިކުފާނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ.

އަބްދުލް ވާހިދު ޙަސަން
Jun 13, 2022
1

އިގްތިސޯދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ހދ. ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އެރަށު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

ހިރިނައިދޫއަކީ ނެއްލައިދޫ ކައިރީގައި އޮންނަ ކުޑަ ރަށެކެވެ. ގާމަތި އެރަށުގައި ކުރިން ދަނޑުވެރިކަންކޮށް އުޅުނު ނަމަވެސް މިހާރު އެރަށުގައި އެއްވެސް މަސައްކަތެއްކުރަމުން ނުދެ އެވެ.

ބިންފުރި ޖާގައިގެ ދަތިތަކަން ކުރިމަތިވެފައިވާ ނެއްލައިދޫގެ ސިނާއީ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސައިދިނުމަށް، އެރަށު ކައުންސިލުން ރައީސް ސޯލިހަށް ހުށަހެޅުއްވީ އެ މަނިކުފާނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެވެ.

ނެއްލައިދޫއަކީ ފުޅާ ދާއިރާއެއްގައި ހުފިލަނޑާގެ ވިޔަފާރިކުރާ ރަށެކެވެ. އެރަށުގައި މިމަސައްކަތުގައި ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވެ އެވެ.

މިބައްދަލު ކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ، ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި ގާއިމްކުރި ހައި ސްޕީޑް ފެރީގެ ހިދުމަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު ލިބޭ ފެރީގެ ހިދުމަތަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގެންފައިވާ ހިދުމަތެއްކަން ވެސް ކައުންސިލުން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ މި ދައުރުގައި މީގެ ކުރިން ދުވަހަކުވެސް ނެއްލައިދޫއަށް އައިސްފައި ނުވާފަދަ ތަރައްގީ އާއި ކުރިއެރުން ލިބިފައިވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. އަދި 2019 ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާއާއެކު ނެއްލައިދޫ ކައުންސިލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށައެޅުއްވި ކަންކަން މިހާރު އެކި މަރުހަލާތަކުގައި ހިނގަމުންދާކަން ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.

ހާއްސަކޮށް ރަށުގެ ބަނދަރު ތަރައްގީކުރެވި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމާއި ޒަމާނީ ޓަރފް ދަނޑެއް އެޅިފައިވާއިރު އިންޖީނުގޭގެ މަސައްކަތް ހިނގަމުންދާކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ތެރެއިން ރަށުގެ މަގުތައް ލެވެލްކުރުމާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ރައްކާތެރިގޮތުގައި ކުނިނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކައުންސިލުން ރައީސަށް ހުށަހެޅުއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސީދާ ކައުންސިލްތަކާ ބައްދަލުކޮށް، މަޝްވަރާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި، ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިއަހަރު ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަމާ ގުޅޭ މުއްސަސާތަކަށް ހުށައަޅުއްވާނެ ކަމުގައި އެނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ވެސް ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި، ކައުންސިލްގެ އާ އިމާރާތެއް އެޅުމާ ގުޅޭ މަސައްކަތްތައްވެސް ކަމާބެހޭ މުއައްސަސާތަކާ ވާހަކަ ދައްކަވައިގެން ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355