twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނެއްލައިދޫ އަތުން ކުޅުދުއްފުއްޓަށް ފަސޭހަ މޮޅެއް، ދިއްދޫ ފަހަތުން އަރާ ހަނިމާދޫ ބަލިކޮށްފި

މުޙައްމަދު އަހުމަދު
Jun 18, 2022

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނޯތް ލީގުގެ ދެވަނަ މެޗުގައި ކުޅުދުއްފުށިން ބޮޑު ތަފާތަކުން ނެއްލައިދޫ ބަލިކުރިއިރު ފަހަތުން އަރާ ދިއްދޫއިން ހަނިމާދޫ ބަލިކޮށްފި އެވެ.

މިއަދު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ޓީމް ނެއްލައިދޫ ބަލިކުރީ 7 - 0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގައި ޒިގްޒެގުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. އަދި މުޅި މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ވެސް ޒިގްޒެގުންނެވެ.

މެޗުގައި ޒިގްޒެގުން 7 ލަނޑު ކާމިޔާބުކޮށްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑަކީ ނެއްލައިދޫގެ މުހައްމަދު އާދަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 - 0 ން ޒިގްޒެގް ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ މިނެޓްތެރޭ ޒިގްޒެގުން ލީޑު ފުޅާކުރި އެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ އުސައިދު އަލީ (އުޕޭ) އެވެ. ޒިގްޒެގްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އަހްމަދު ޝާހީން ބަޝީރެވެ. މިމެޗުގައި އެޓީމުގެ އަނެއް ތިން ލަނޑު ޖެހީ މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. ފޯވާޑްގެ ހެޓްރިކަށް ފަހު މެޗުގެ ފަހު ލަނޑު ޒިގްޒެގަށް ކާމިޔާބުކޮށްދިނީ ޒައިދު މުހައްމަދެވެ.

މިއަދު ކުޅެވުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ހަނިމާދޫ ވަނީ ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބު އަތުން ހަނި ތަފާތަކުން ބަލިވެފަ އެވެ. ދިއްދޫއިން މިމެޗު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ ން ހަނިމާދޫ ބަލިކޮށެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ހަނިމާދޫއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ އަބްދުﷲ ނާސިރެވެ. ފުރަތަމަ ހާފު ނިމުނީ 1 - 0 ން ހަނިމާދޫ ކުރީގައި އޮވެގެންނެނެވެ. ދެވަނަ ހާފު ފަށައިގެން ހަނިމާދޫގެ އާސިއްޕެގެ ލަނޑުން އެޓީމު އަނެއްކާވެސް ލީޑު ފުޅާކުރި އެވެ.

އެހެންނަމަވެސް އޭގެ ތިންމިނެޓު ފަހުން ދިއްދޫގެ ހުސެއިން ޒިމްޔާން ވަނީ މެޗުގެ ފަރަގު ކުޑަކޮށްފަ އެވެ. މެޗުގައި ދިއްދޫއިން ނަތީޖާ ހަމަކުރި ލަނޑު އެޓީމަށް ޖަހައިދިނީ ވެސް ޒިމްޔާން އެވެ. އަދި މެޗު ނިމެން އެންމެ މިނެޓަކަށްވެފައި ވަނިކޮށް ޒިމްޔާންގެ ލަނޑުން ދިއްދޫއިން ވަނީ މެޗުގައި ލީޑު ނަގާ މެޗު ކާމިޔާބުކޮށްފަ އެވެ.

މިމުބާރާތުގައި ދެން މެޗެއް ކުޅެވޭނީ އަންނަ ހޯމަ ދުވަހު އެވެ. އެދުވަހު ކުޅެވޭ ފުރަތަމަ މެޗުގައި ޒިގްޒެގުން ނުކުންނާނީ އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރއާ ދެކޮޅަށެވެ. އަދި ޓީމް ހަނިމާދޫއިން ނުކުންނާނީ ޓީމް ނެއްލައިދޫއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355