ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ނޯތް ލީގުގެ ތިންވަނަ މެޗުގައި ނެއްލައިދޫ ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހަނިމާދޫ ހޯދިއިރު ކުޅުދުއްފުއްޓާއި އިހަވަންދޫ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
މިއަދު ހަވީރު އަމިއްލަ ދަނޑުގައި ހަނިމާދޫއިން ވަނީ 3 - 1 ން ނެއްލައިދޫ ބަލިކޮށްފަ އެވެ. ހަނިމާދޫ ވަނީ މުބާރާތުގެ ފުރަތަމަ ދެމެޗުން ބަލިވެފަ އެވެ. މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ހަނިމާދޫއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 22 ވަނަ މިނެޓުގައި އާސިފް ސަލީމް (އާސިއްޕެ) އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަނިމާދޫއިން ވަނީ އިތުރު ދެލަނޑު ޖަހާ ލީޑު ފުޅާކޮށްފަ އެވެ. އެޓީމުގެ ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި ޖަހައިދިނީ އަލީ އާމިރެވެ. އަދި 3 ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޖަހައިދިނީ އާސިއްޕެ އެވެ.
ހަނިމާދޫ ޓީމުގެ ފަރާތުން މިމެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގައި ނެއްލައިދޫއިން ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފުގެ ކުރީކޮޅު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 26 އަލީ ޝަހީން އެވެ.
މިއަދު ކުޅެވުނު އަނެއް މެޗުގައި ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށީގެ ޒިގްޒެގް ވަނީ އިހަވަންދޫގެ ކުލަބް ޕޯލްސްޓަރއާ އެއްވަރުވެފަ އެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޒިގްޒެގުންނެވެ. މިލަނޑު މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޒިގްޒެގުގެ އިތުބާރު ފޯވާޑް ޒައިދު އެވެ.
މެޗުގައި ކުލަބް ޕޯލްސްޓަރއިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ މުހައްމަދު ފާރިޝް އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މުބާރާތުގައި އަންނަ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ދިއްދޫއިން ނެއްލައިދޫއާ ދެކޮޅަށް ނުކުންނައިރު ހަނިމާދޫއިން ނުކުންނާނީ އިހަވަންދޫއާ ދެކޮޅަށެވެ. ކުޅުދުއްފުށިން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހު ދިއްދޫ ދަނޑުގައި ދިއްދޫއާ ދެކޮޅަށެވެ.