މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭނީ "ގެދޮރުވެރިޔާ" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިކަމަށް ހާއްސަކޮށް ތައާރަފްކުރި "ގެދޮރުވެރިޔާ" އޮންލައިން ޕޯޓަލް މިއަދު އިފްތިތާހުކޮށްދެއްވާފަ އެވެ.
އެ ޕްރޮގްރާމަކީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔަވާހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެ ވަޑައިގެންނެވި ވައުދުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
އަސްލަމް ވިދާޅުވީ މާލޭގައި އުޅޭ މީހުންނަށް 3،000 ގޯތި ދޫކުރާނީ ހުޅުމާލެއިންނާއި ގުޅީފަޅުން ކަމަށެވެ.
އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން އެ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ތަނެއް ނެތް ނުވަތަ 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް ވާރުތަވާން އޮތް މީހުންނާއި 600-1000 އަކަފޫޓާ ދެމެދުގެ ބިމެއް ވާރުތަވާން އޮތް މީހުންނަށް ހަ ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ސްކީމުގައި ވަކި ފަރުދެއްގެ ގޮތުގައި ނުވަތަ އާއިލާގެ މެމްބަރުންނާ ގުޅިގެން ވެސް ބައިވެރިވެވިދާނެ ކަމަށެވެ.
ގޯތީގެ އެންމެ ކުޑަ އަކަފޫޓަކީ 1،225 އަކަފޫޓު ކަމަށާއި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެއެވެ. އަދި އެންމެ ބޮޑުކޮށް ދޫކުރެވޭނީ 4،000 އާ ހަމައަށް ކަމަށެވެ.
3000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިޓަރު އަސްލަމް ވިދާޅުވި އެވެ. މާލޭގެ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ފްލެޓަށް ކުރިމަތިލެވޭނެ އެވެ.
އަސްލަމް ވިދާޅުވީ އަތުގައި އޮތް ބިންކޮޅު ދޫކޮށްލުމަކީ ލާޒިމުކަމެއް ނޫން ކަމަށާއި އެ ބިން ދޫކޮށްލާފައި އެ ބިމުގެ އަގުން ފްލެޓަށް ޖެހޭ އަގުގެ ބައެއް އުނިކުރެވިދާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އެއަށް ފަހު ފޯމުތައް އިވެލުއޭޓްކޮށް މައުލޫމާތު ސާފުކުރުން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއަކީ 200 ހެކްޓަރުގެ ރަށެއް ކަމަށާއި ގުޅީފަޅުން 140 ހެކްޓަރުގެ ބިމުގައި ގޯތި ދޫކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.