twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުރިއަށް އޮތް މަސްދުވަހުގެ ތެރޭ މަކުނުދޫ އެއާޕޯޓް މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކަނޑައަޅާނެ

ނަބީލާ އިސްމާޢީލް
May 24, 2023

ހދ މަކުނުދޫގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއާޕޯޓު މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފެށާނެ ތާރީހަކާ ބެހޭ ގޮތުން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު އަސްލަމް ވިދާޅުވީ، މަކުނުދޫ އެއާޕޯޓު ހިމެނޭހެން ހަތަރު އެއާޕޯޓެއްގެ މަސައްކަތް ކުރަން އިއުލާނުކުރި ފަހުން، މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ފަރާތާއެކު ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަކަމަށެވެ. ނަމަވެސް އެފަރާތުން ބިޑް ކުރިއިރު ހުށަނާޅާ ކަންކަން މިހާރު ހުށަހަޅާފައިވާ ކަމަށާއި އެކަންކަމަށް އެ މިނިސްޓްރީން މުޅިން އެއްބަސް ނުވާ ކަމަށެވެ.

ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން، ކަލެކްޓް ކުރި ފަންޑުން ކުރަން ރާފައިވާ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރާނީ، އެކަން ކުރާނެ ބަޔަކާއެކު ވާހަކަދައްކާ މަޝްވަރާކޮށް އަދި މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކަނޑައެޅުމުން ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މަކުނުދޫ އެއާޕޯޓުގެ އިތުރުން ހަ ރަށެއްގައި އެއާޕޯޓު އަޅަން ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، މި ރަށްތަކުގައި އެއާޕޯޓް އަޅަން މިދިޔަ ޑިސެމްބަރު މަހު، ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ވަނީ ހަދާފައެވެ. އިތުރު ކުންފުންޏަކާއެކު ފައިނޭންސް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އެއްބަސްވުން ހެދިއިރު، މި ދެ ކުންފުނިން ފައިނޭންސް ހޯދާނެ ރަށްތަކެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ވަނީ މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ހިނގާނެ ހަރަދުތައް ލަފާކޮށްފައެވެ. އެގޮތުން ބިލެތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރުގެ ހަރަދުވާނޭކަމަށް ސަރުކާރުން ލަފާކުރެއެވެ.

މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފަށާނެ ވަކި ތާރީހެއް މިނިސްޓަރު އަސްލަމް ހާމަކުރައްވާފައިނުވާއިރު، އޭނާ ވިދާޅުވީ، މަސްދުވަހުގެ މުއްދަތުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ކަނޑައަޅަން މަސައްކަތްކުރާ ކަމަށެވެ.

މަކުނުދޫ އެއާޕޯޓް މަޝްރޫއަށް 23.3 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މީގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، މަކުނުދޫ އެއާޕޯޓު އަޅަން ފައިސާ ހޯދައި، ކުރިއަށް އޮތީ މަސައްކަތް ފެށުން ކަމަށް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355