ކުޅުދުއްފުށީގައި ތަރައްގީކުރަން ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ފެށޭނެކަމަށް ޕްލޭނިންގ އެންޑް ހައުންސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި އިމާރާތްކުރި 165 ރޯހައުސް ސިޓީ ކައުންސިލާ ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ބުރާސްފަތިދުވަހު ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު އަސްލަމު ވިދާޅުވީ، 400 ޔުނިޓުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަމަށާ، ޑިޒައިން ނިންމާ އަންނަ ފެބުރުއަރީމަހުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ.
ޑިޒައިން އެންޑް ބިލް އުސޫލުން ކުޅުދުއްފުށީގައި ތަރައްގީކުރުމަށް ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެވެ.
ހައުސިންގ މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔަވަހިކަމުގެ މައްސަލަކަން ފާހަގަކުރައްވާ ވިދާޅުވީ، ކުޅުދުއްފުށީގައި މިވަގުތުވެސް 1200 އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަމަށް ބޭނުންވެފައި އެބަތިބިކަމަށެވެ.
އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރާއްޖޭގެ އެހެން ސަރަހައްދުތަކެކޭވެސް އެއްފަދައިން ކުޅުދުއްފުށީގައިވެސް ކުރިއަށް ގެންދިޔުންކަމަށް އަސްލަމް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މިހާރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްރުވަމުންދާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްވެސް ކުރިއަށްދަނީ ކައުންސިލުން ރައްޔިތުންނާއި މަޝްވަރާކޮށް، އެ ރައްޔިތުންގެ އަޑުއަހައިގެންކަމަށް މޭޔަރު ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުން މިހާރު ހަވާލުކޮށްފައިވާ ރޯހައުސްތަކުގެ މަސައްކަތްވެސް ނިންމާލާފައިވަނީވެސް ރައްޔިތުން އެދޭފަދަ ބަދަލުތައް ގެނައުމަށްފަހުކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"މިހާރު ތަަރައްގީ ކުރަމުންދާ ތަންތަނުގައި 3 ކޮޓަރިއާއި 3 ފާހާނާ އަދި ބަދިގެއާއި ސިޓިންގ ރޫމާއި ގުދަނެއްވެސް ހުންނާނެ. ދެ ފަހަރެއްގެ މަތިން މިހާރު ޑިޒައިންއާއި ގުޅޭގޮތުން ވާހަކަތައް ދެކެވި ޑިޒައިންތައް ކައުންސިލްއާއި ހިއްސާކުރައްވާފައިވޭ." މޭޔަރު ވިދާޅުވި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްގީކުރާ މި 400 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.