ކުޅުދުއްފުށި ޔަންގް ލީޑާޒްގެ ފުރަތަމަ ބެޗް ޖަލާލުއްދީން ސްކޫލްގައި އިފްތިތާހުކޮށްފިއެވެ. އެކަމަށްޓަކައި ޖަލާލުއްދީން ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޔަންގް ލީޑާޒް ބްރާންޗް އިފްތިތާހު ކޮއްދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރ އާތިފާ އަލީއެވެ.
ހދ. އަތޮޅުގައި އަލަށް ޖަލާލުއްދީން ސުކޫލުގައި ވައި އެލް ބްރާންޗެއް ހުޅުވިގެން ދިއުމަކީ ކުޅުދުއްފުށި ސިޓީއަށާއި ސްކޫލަށް ލިބިގެންދިޔަ ވަރަށްބޮޑު ޝަރަފަކާއި ފަހުރެކެވެ.
މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ހިންގާ ޔަންގް ލީޑާޒްއަކީ އުމުރުން 17 އަހަރާއި 25 އަހަރުގެ އަންހެން ކުދިން ބާރުވެރި ކުރުމަށްޓަކައި ހިންގޭ ހަރަކާތެކެވެ. ޔަންގް ލީޑަރުންގެ މައިގަނޑު މަގުސަދަކީ ހިލޭ ސާބަހަށް މުޖުތަމައަށް ހިދުމަތްކޮށްދިނުމެވެ.
އެގޮތުން އިއްޔެ ރަސްމިއްޔާތުގައި ހުވާކުރި ޖަލާލުއްދީން ސުކޫލްގެ މަތީ ސާނަވީގައި ކިޔަވާ 27 ދަރިވަރަކުވަނީ 100 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސް ފުރިހަމަަކޮށް ދަރުމަވެރިންގެ ގޮތުގައި ރާއްޖޭގެ އެކި މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ދަރިވަރުން އެންރޯލްކޮށްދެއްވާފައި ވަނީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ޔޫތް ކޮމިޝަނަރ އާޝިޔާ ސާއިދެވެ.
ކުޅުދުއްފުށި ވައި.އެލް ބްރާންޗް ގެ ކެޕްޓަން ލުބްނާ މުހައްމަދު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔަންގް ލީޑާސް ކުޅުދުއްފުށީ ބްރާންޗުގެ ދަރިވަރުންގެ ފަރާތުން ފެންނަ މަސައްކަތުގެ ޖޯޝާއި ފޯރި ފާހަކަކޮށް އެކުދީން އެގޮތުގައި ކުރިިއަށް ދިއުމަށް ނަސޭހަތް ދެއްވާފައިވެއެވެ.
ކެޕްޓަންގެ ސްޕީޗުގައި ވައި.އެލް ދަރިވަރުން ހުވާކޮށްދެއްވުމަަށް ވަޑައިގެންދެއްވީތީ ގާލް ގައިޑް އެސޯސިއޭޝަންގެ ޔޫތް ކޮމިޝަނާ އާޝިޔާ ސައީދަށް ވެސް ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
އަދި ސްކޫލުގެ މެނޭޖްމެންޓާއި ގައިޑް ލީޑާރަސް އަދި ހާއްސަ ކޮށް ޕްރިންސިޕަލް އައިމިނަތު މުހައްމަދު ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ އެކަމަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޔަންގް ލީޑަރޒްގެ އެކްސްކޯ ކުދިންނަށް ވަނީ ސޭޝް އާއި ހަނދާނީ ލިޔުން ހަވާލުކޮށްދީފައެވެ. އެކްސްކޯ ހޮވާފައިވަނީ އެ މަގާމުތަކަށް ކުރިމަތިލައި އެންމެ ގިނަ ވޯޓު ލިބުން ކުދީންނެވެ.
ޝަރަފުވެރި މެހެމާން ކުޅުދުއްފުށީ ސިޓީ ކައުންސިލް މެންބަރ އާތިފާ އަލީގެ ވާހަގައި ޤައުމަށް ހިދުމަތް ކުރާ އިސްލާމްދީނަށް ލޯބިކުރާ ދަރީންތަކެއްގެ ކަމުގައި ވުމަށް ނަސޭހަތް ދެއްވާފައިވެއެވެ. އަދި ބޭރުންއަންނަ ފިއްތުންތަކުން ސަލާމަތްވެ ރަނގަޅުގޮތް އިހްތިޔާރުކުރާ ކުދީންނަށް ވުމަށްވެސް ބާރު އެޅުއްވިއެވެ.
ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ ވާހަކައިގައި އެއްބައިވަންތަކަން އިސްކުރުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ވައި.އެލް ކުޅުދުއްފުށީ ބްރާންްޗްގެ ޕްރެޒިޑެންޓް، އަރީޝާގެ ވާހަކައިގައި މި ބްރާޗް ފުޅާވަމުން އައި ވަރަކަށް މުޖުތަމައަށް އިތުރު ހިދުމަތްތައް ފޯރުކޮށްދެވިގެން ދާނެ ކަމަށް ފާހަގަ ކުރައްވާފައިވެއެވެ.