މޫސުން ގޯސްވެ އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު، ގުގުރާ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
Alert for swell surges pic.twitter.com/wcfXhtfcBU
— Maldives Meteorology (@MetMaldives) July 3, 2022
ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އެރުމާއި މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނަށް ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ބުނީ މިއަދާއި މާދަމާވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި މޫސުން އެންމެ ގޯސްވާނީ، ރާއްޖޭގެ ދެކުނަށް ކަމަށެވެ.
އެހެން ނަމަވެސް އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވަމުން ދާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރުރެ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް އާއްމުގޮތެއްގައި މޫސުން ގޯސް ދުވަސް ވަރަކަށްވީ ނަމަވެސް، މިއަހަރު ދަނީ އާދަޔާ ހިލާފަށް ވިއްސާރަ ކުރަމުންނެވެ.
އެގޮތުން ކުރިން އެއް ދުވަހުން ވާރޭ ވެހޭ މިންވަރަށް މިހާރު ގަޑިއެއްހާއިރުން ވާރޭވެހޭކަން މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަހައްދުގެ ރައްތަކަށް ބޯކެރި ވެހުމުގެ އިތުރުން އުދަ އެރުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.
މިދުވަސްވަރަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށުނު ދުވަސްވަރު ކަމަށް ވެފައި، ކުރިއަށް އޮތީ ބޮޑު އީދު ކަމަށް ވުމުން ގިނަ ބަޔަކު ދަނީ ދަތުރުފަތުރު ކުރަމުންނެވެ.