twitterviber whatsapp telegramfacebookyoutube instagram
20th April 2024

އާރުޓީއެލް ދަތުރުތައް ރަސްމީކޮށް ހއ އަތޮޅުގައި ފަށައިފި

Jul 4, 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ހއ އަތޮޅުގައި ރަސްމީކޮށް މިދިޔަ އާދިއްތަ ދުވަހު ފަށައިފި އެވެ. އެ އަތޮޅުގައި ފެރީ ދަތުރުތައް އިއްޔެ ރަސްމީކޮށް ފެށިއިރު މިދިޔަ މަހުގެ 26 ން ފެށިގެން މި މަހުގެ 02 ވަނަ ދުވަހާ ހަމައަށް "އަހުލުވެރި ކުރުމުގެ" ދަތުރުތަކެއް ހިލޭ ވަނީ ކުރިއަށްގެންގޮސްފަ އެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ، ކުޑަކުދިންނާއި ނުކުޅެދޭ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީން ދޫކޮށްފައިވާ ކާޑު ހުށަހެޅުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

އާރުޓީއެލް ފެރީގެ އަތޮޅު ތެރޭގެ ދަތުރުތަކުގެ އަގު 35 ރުފިޔާއާއި 100 ރުފިޔާ ދެމެދު އުޅޭއިރު، އެއް އަތޮޅުން އަނެއް އަތޮޅަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 100 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގައެވެ. އާރުޓީއެލްގެ ވެބްސައިޓުންނާއި، އާރުޓީއެލްގެ އެޕް މެދުވެރިކޮށް ފެރީ ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށްވާ ކަމަށެވެ.

އާރުޓީއެލްގެ ޒޯން 1 ގައި ހިމެނޭ ހއ އަދި ހދ ގައި ދަތުރުތައް ފެށުމާއެކު މިހާރު ޒޯން 1 ގައި ދަތުރު ނުފެށި ވަނީ ށ. އަތޮޅުގައި އެކަންޏެވެ. އަދި އެ އަތޮޅަށް އަންނަ މަހު ދަތުރުތައް ފެށިގެންދާނެކަމަށް އާރުޓީއެލުން މައުލޫމާތުދެ އެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ އާރުޓީއެލްގެ މި މަޝްރޫއުގައި ހިމެނޭ ފެރީ ދަތުރުތައް ހދ އަތޮޅުގައި ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ޖޫން މަހުގައެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ހިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355