ސަރުކާރުން ބޮޑެތި ދަރަނިތައް ނަގައިގެން ކުރީ އިސްރާފު ކަމަށާއި އިތުރަށް އޮޅުވާނުލާ ރައްޔިތުންގެ ޖީބަށް އަތްބޭނުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ ރައްޔިތުންގެ އަތުން ސަރުކާރުން ނަގާ ޓެކްސް ބޮޑުކުރަން ނިންމާ އެކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޖަމީލް ވިދާޅުވީ މިއީ އެއްވެސް ބާވަތެއްގެ ޓެކްސްއެއް އިތުރުކުރަންވީ ވަގުތެއް ނޫން ކަމަށާއި ސަރުކާރުން ދަރަނި ނަގައިގެން ކުރީ ހުސް އިސްރާފު ކަމަށެވެ. އަދި ރައްޔިތުންނަށް އިތުރަށް އޮޅުވާނުލާ އާންމުގެ ޖީބަށް އަތް ބޭނުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ބާވަތެއްގެ ޓެކްސްއެއް އިތުރުކުރަންޖެހޭ ވަގުތެއް ނޫން މިއީ. ދަރަނި ނަގައިގެން ތިކުރީ ހުސް އިސްރާފު. ކުޑަކުރި ހަރަދެއް އެބައޮތް؟ މިހާރު ތިތިބީ ދަރަނި ދަންތުރައެއްގައި ނޫންތަ؟ އިތުރަށް އޮޅުވާނުލައި ރައްޔިތުންގެ ޖީބަށް އަތްބޭނުން ހުއްޓާލާ. ބާސާ ކަނޑަން ތިއްބާ އިނދެޖެހުނީ؟" ޖަމީލް ވިދާޅުވި އެވެ.
އިއްޔެ ސަރުކާރުން ވަނީ އިގްތިސާދީ ހާލަތު މެނޭޖުކޮށް ރާއްޖެ ދަރަނިވެރިވިޔަ ނުދިނުމަށްޓަކާ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.