twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދަމުހިނގުމުގެ އަސްލަށް، ސަގާފަތާ ނުގުޅޭ މާލިތަކަށް ފުރުސަތެއް ނެތް

އަބްދުލް ވާހިދު ޙަސަން
Jul 8, 2022
1

ހަމައެކަނި ކުޅުދުއްފުއްޓަށް ހާއްސަ ދަމުހިނގުމުގެ ކުޅިވަރު އޭގެ އަސްލާ އެއްގޮތަށް ގެންދިޔުމަށް ސިޓީ ކައުންސިލުން މިއަހަރު ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.

ދަމުހިނގުމުގެ ކުޅިވަރަކީ، ކުޅުދުއްފުއްޓަށް ހާއްސަ، ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނުކުޅޭ ކުޅިވަރެކެވެ. ދަމުހިނގުމޭ ކުޅުދުއްފުށީ މީހުން ކިޔަނީ، އާންމު މައިދާނެއްގައި ކުޅޭ މާލިކުޅިވަރަކަށެވެ.

މިކުޅިވަރަކީ ވަކި ހަމައެއްގައި ވަކި ގޮތަށް މުޅިން ތަފާތުކޮށް ބެރު ޖަހައި އެއާއެކު ވަކިގޮތަކަށް ނެށުމުގެ ހަރަކާތްތަކެއް ފެނިގެންދާ ކުޅިވަރެކެވެ. ވަކި ތަރުތީބެއް އޮންނަ، ދިވެހިންގެ ބޯދާ އިއުތިގާދާއި ގުޅިފައިވާ ސަގާފީ ކުޅިވަރެކެވެ. ކާބަފައިން ކުރި އެހެންކަންކަމެކޭ އެއްގޮތަށް މިކަމުގައިވެސް ވަނީ ހުސް ތަރުތީބެވެ. ސްޓައިލްއެވެ. ފުންމާނަތަކެވެ.

މާލިހެދުން އެޅުމާއި ބެރުގައި އަޅުވާލާ ލަވަތަކުން ފެށިގެން، ދަމުހިނގާތަނަށް އެއްވާ މާލިތައް އެއްވަނީވެސް ބައިބަޔަށް ތަރުތީބުންނެވެ. މާލިތައް މައިދާނުގައި އުޅެނީވެސް އެގޮތް މިގޮތަކަށް ނޫނެވެ. އިރުކޮޅަކު އުޅެލާފައި ގެއްލިދެއެވެ. މި ކުޅިވަރުން މާލިތަކުން މަސައްކަތްތެރިން އަބަދު ބަދަލުވޭވޭ ހުންނާތީ އެވެ. ކުޅުދުއްފުށީ މީހުން ކޮންއުޅުނު ހުރިހާ މަސައްކަތްތަކެއް އޭގެ ގޮތުގައި ދަމުހިނގުމުގެ ކުޅިވަރުގެ ތެރެއިން، ކުޅިވަރުގެ މައިދާނުގައި ދައްކާލެވެއެވެ. ދައްކާލެވެނީ ބަލާލަން ލޮލަށާއި ބޮލަށް ވަރަށް ފަސޭހަގޮތަކަށެވެ.

މިކުޅިވަރަކީ ކުރިންވެސް ބުނި ފަދައިން ވަކި ތަރުތީބެއް އޮންނަ ތަފާތު ކުޅިވަރެކެވެ. ބެރުގައި އަޅުވާލަނީ އެންމެ ލަވައެއް ނޫނެވެ. ބެރުވެރިން ލައްވާ ކޮރުގައިވެސް ސްޓައިލް ހުރެއެވެ. ކަދާމާއްޔާއި އެހެނިހެން މައިގަނޑު މާލިތައް (މިސާލަކަށް: ގޮނޑިމާއްޔާއި، ދޫނިމާއްޔާއި، އަސްމާއްޔާއި މުގުރުގަނޑުމާލި) ހެދުންއަޅަނީވެސް ވަކި ސްޓައިލަކަށެވެ.

ކުޅިވަރުގެ މައިދާނަށް “ޒިޔާރަތްކުރާ” އެހެން މާލިތައްވެސް ހުންނަނީ ވަކި ފެންވަރެއްގައެވެ. ކަދާމާލީގެ އަދަދުވެސް ކަނޑައެޅިފައި އޮންނަނީ ބެރުޖަހަން ތިބޭ މީހުންގެ އަދަދުން ވަކި ނިސްބަތަކަށެވެ. (މިސާލަކަށް: ދިހަ ބެރުވެރިން ތިބިއްޔާ، ކަދާމާލީގެ ގޮތުގައި ތިބޭނީ ގާތްގަނޑަކަށް ވިއްސަކަށް މާއްޔެވެ. ކަދާމާއްޔާއި އެހެނިހެން މާލިތައް ނުކުންނާނީވެސް ވަކި ހިސާބަކަށް ބެރުވެރިންގެ ލަވަ (ރާގު) ދިޔުމުންނެވެ.

މިއީ މިކަން ކުރިން ފެށިގެން ކުރަމުން އައިގޮތެވެ. އެކަމުން ފަހަކަށް އައިސް ފީކަޅާ މާލިތަކުން ދަމުހިނގުން "ކުނިކޮށްލި" އެވެ. އެކަމަކު މިއަހަރު ސިޓީ ކައުންސިލުން މި ހަރަކާތް އަސްލާ އެއްގޮތަށް ކުރިއަށްގެންދަން ދަނީ މަސައްކަތްކުރަމުންނެވެ.

"މިއަހަރު ދަމުހިނގުން ކުރިއަށްގެންދަން ރާވާލެވިފައިވަނީ ދަމުހިނގުމުގެ އަސްލު ނުގެއްލޭ ގޮތަށް ސަގާފީ ގޮތަށް ވާރުތަވެފައިހުރި މާލިތަކަށް އިސްކަން ދީގެން. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު އަލީ ވިދާޅުވީ މި ބަދަލު ގެނައީ މި ކުޅިވަރު ރާވާ ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާވެސް މަޝްވަރާކުރެވި، ކުޅިވަރުގެ އަސްލު ނުގެއްލޭ ގޮތަށް ކުރިއަށްގެންދިޔުމަށް ކަމަށެވެ. އޭނާ ވިދާޅުވީ، ކައުންސިލުން އެދެނީ ދަމުހިނގުމުގައި މި ކުޅިވަރުގެ ސަގާފަތް ރަމްޒުކޮށްދޭ މާލިތައް ބައިވެރިކުރުން ކަމަށެވެ.

މިގޮތަށް މިކަން އާލާތްކުރުމުގެ މަގުސަދުގައި ޑޮކިއުމެންޓްރީއެއް ހެދުމުގެ މަސައްކަތްވެސް މިއަހަރުގެ ދަމުހިނގުމާއެކު ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ މިއަހަރު، ދަމުހިނގުމުގެ ކުޅިވަރަށް ހާއްސަ މާލިތައް ބައިވެރިކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކަދާ މާލި، ކޯރިގަނޑު މާލި، މުގުރުގަނޑު މާލި، ހަތްބޯރާހި، ހަންޑިގަނޑާރަ ފަދަ މާލިތައް ބައިވެރިކުރުމަށް އެދިފަ އެވެ.

އަދި ކަނބުރުވެރިކަމާއި ވަޑާންކުރުންފަދަ މަސައްކަތްތެރިކަން ދައްކުވައިދޭ މާލިތައް ބައިވެރިކުރެވޭނެ އެވެ. ސިޓީ ކައުންސިލުން ބުނީ، ދަމުހިނގުމުގެ ސަގާފަތާއި ނުގުޅޭ މާލިތައް ބައިވެރިނުކުރެވޭނެކަން ހާމަކޮށްފަ އެވެ.

މިއަހަރުގެ ދަމުހިނގުން އޮންނާނީ 12 ވަނަ ދުވަހުގެ ރޭގަނޑު 21:00 ޖަހާއިރު، ވެލިގަނޑު ސްޓޭޖް ސަރަހައްދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355