twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިދިޔަ އަހަރު ބޭއްވި ޖީސީ އީ އޯލެވެލް އިމްތިހާނުން ޖަލާލުއްދީން ސްކޫލުގެ ހުމައިދު އަލީ އެއްވަނަ ހޯދައިފި

May 31, 2011

– ޝާމިލް އިބްރާހިމް ފިޒިކްސްއިން ދުނިޔެއިން 6 ވަނަ ހޯދިއިރު ޖޯގްރަފީއިން ރާއްޖެއިން 1 ވަނަ ވެސް ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކަށް

– ދުނިޔޭގެ އެއްވަނަ ރާއްޖޭގެ 7 ކުދިން ހޯދާފައިވޭ

މިދިޔަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް އިމްތިހާނުން ފިޒިކްސް މާއްދާއިން ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކު ދުނިޔެއިން އެއްވަނަ ހޯދައިފިއެވެ.

ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުގައި ކިޔެވި ހދ ކުނބުރުދޫ ސުހާނީގެ ހުމައިދު އަލީ މުޅި ދުނިޔެއިން އެއްވަނަ ހޯދާފައިވަނީ ސައްތައިން ސައްތަ މާކްސް އާއެކު ފިޒިކްސް މާއްދާއިންނެވެ.

ހުމައިދުގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ ފަރާތުން އިމްތިހާންހެދި އިތުރު 8 ދަރިވަރުން ވަނީ ދިވެހިރާއްޖޭގެ ގަދަ 10 ގައި ހިމެނިފައެވެ. އެގޮތުން ހުމައިދު ޢަލީއާއެކު ދިވެހިރާއްޖޭގެ އެއްވަނައިގައި ޝާމިލް އިބްރާހިމް ހިމެނުނެވެ. އަދި ޝާމިލް ވަނީ ފިޒިކްސް އިން ދުނިޔޭގެ 6 ވަނަވެސް ހޯދާފައެވެ.

މީގެ އިތުރުން ރަޝީދާ އަބްދުއްރަހްމާން 5 ވަނަ ހާސިލް ކުރިއިރު އަބްދުލް ހަންނާނު މުޙައްމަދާއި ޙަސަން މޫސާ ވަނީ 6 ވަނާގައި ހިމެނިފައެވެ. 7 ވަނާގައި އަހުމަދު ރަޝީދު އަދި އިހުސާން އަހުމަދު ހިމެނުނު އިރު އިނާޔަތު އަބްދުލް ވައްހާބާއި ޒަހީރާ ހަސަން ވަނީ ރާއްޖޭގެ 8 ވަނާގައި ހިމެނިފައެވެ. މީގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ ދަރިވަރެއް ކަމުގައިވާ ހަރީ ޕްރިޔާ ގަނޭޝަން ވަނީ ޖޯގްރަފީއިން ރާއްޖެއިން އެއްވަނަ ހޯދާފައެވެ. ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންވަނީ ގިނަ މާއްދާތަކަކުން “އޭ ސްޓަރ” ވެސް ހާސިލްކޮށްފައެވެ.

މިދިޔަ އަހަރުގެ އޯލެވެލް ގަދަ ދިހައެއް އިއުލާނު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ އެއްވަނަ 7 ކުއްޖަކު ހޯދާފައިވާއިރު ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ 35 ކުދިން ހިމެނިފައިވެއެވެ. އޭގެ އިތުރުން ހުރިހާ މާއްދާއަކުން 28 ކުއްޖަކު އޭ ފާސް ހޯދާފައިވެއެވެ. ގަދަ ދިހައެއްގެ ހިމެނުނު 334 ދަރިވަރުންނަށާއި ކޭމްބްރިޖް އައުޓްސްޓޭންޑިން އެވޯޑް ހާސިލްކުރި 35 ދަރިވަރުންގެ އިތުރުން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ސްކޫލަތަކަށް ވެސް ރޭގެ ރަސްމިއްޔާތުގައި އެވޯޑް ދީފައިވެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ސްކޫލަކަށް ޖެހިޖެހިގެން ހަވަނަ ފަހަރަށްވެސް ހޮވުނީ މަދަރުސަތުލް އަހުމަދިއްޔާ އެވެ. ދެވަނަ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު ތިން ވަނާގައި އޮތީ އައްޑޫ މުހިއްބުއްދީން ސްކޫލެވެ.

ރާއްޖޭގެ 180 ސްކޫލުގެ 6920 ދަރިވަރުން މިދިޔަ އަހަރު އޯލެވެލް ނިންމިއިރު މިދިޔަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް 35 ޕަސަންޓަށް އަރައިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލައިރު ތިން ޕަސަންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޔޫ ގްރޭޑް ހޯދި ދަރިވަރުންގެ އަދަދުވެސް ވަނީ 16 ޕަސަންޓަށް ތިރިކުރެވިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355