twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށި ރައްޔިތުންގެ ބައްދަލުވުމުން ކައުންސިލަށް ލިބުނީ ކޮން މެސެޖެއް؟

އަބްދުލް ވާހިދު ޙަސަން
Jul 22, 2022
20

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެ އަލަށް އިންތިހާބުވި ސިޓީ ކައުންސިލާއެކު ރައްޔިތުންގެ ބައްދަލުވުންތައް ގަވައިދުން ބޭއްވުމަށް ވަނީ ފެށިފައެވެ. ކޮންމެ ބައްދަލުވުމަކުންވެސް ރައްޔިތުންނަށް އެގެން މުހިންމު ގިނަ މައުލޫމާތުތަކެއް މާ ތަފްސީލުކޮށް ކައުންސިލުން ހިއްސާކުރެ އެވެ.

ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ދައްކާ ވާހަކައާއި ފާޅުކުރާ ޝުއޫރުތަކަކީ ރައްޔިތުން އުންމީދުތަކަކާއެކު ހޮވި 'ތައުލީމީ" ކައުންސިލާމެދު ރައްޔިތުން ދެކޭގޮތާއި ކައުންސިލްގެ މަސައްކަތްތަކާމެދު އާންމު ރައްޔިތުން ދެކޭގޮތް ވަޒަންކުރެވޭނެ އެންމެ ސާފު އެއް މިންގަނޑެވެ.

އެގޮތުން ރޭ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވުނު ބައްދަލުވުންވެސް މި މޭރުމުން ވަކި ތަފާތެއް ނޫނެވެ. ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަތީފްވެސް ހާއްސަ މެހެމާންއެއްގެ ގޮތުން ވަނީ ބައިވެރިވެވަޑައިނަވައިފަ އެވެ. ބައްދަލުވުމުގެ ބައިވެރިން ކައުންސިލަށާއި ޖަލްސާގެ ހާއްސަ މެހެމާންއަށް ވަނީ ގިނަ މެސެޖްތަކެއް ދީފާއެވެ. އަދި ރައްޔިތުންގެ ހިތުގެ އުދާސްތައް ވަނީ ބަންޑުންކޮށްލާފައެވެ.

ބައްދަލުވުމުގައި ޝުއޫރުފާޅުކުރި އެއްވެސް ރައްޔިތެއް ކައުންސިލްގެ މަސައްކަތްތަކާމެދު ތިބީ ހިތްހަމަޖެހިގެނެއްނޫނެވެ. މައިގަނޑު ގޮތެއްގައި ރައްޔިތުންގެ ޝަކުވާކޮށްފައިވަނީ މައި ސަރުކާރުން ކުޅުދުއްފުށީގައި ހިންގުމަށް ރާވަފައިވާ ޕްރޮޖެކްޓްތަކާ އަދި ކައުންސިލުން އަމިއްލައަށް ހިންގުމަށް ރާވަފައިވާ ޕްރޮޖެކްޓްތަކާ ވައުދުތަކުގައި އަމަލީ ސިފަ ޖެހެމުން ނާންނާތީއެވެ. އެކަން ރައްޔިތުންނަށް "މާރު" ނުވިކަން ޝައްކެތް ނެތް މިންވަރަށް ސާބިތުވެސްވި އެވެ.

މިވަގުތު ވެރިކަން ހިންގުމުގައި އެމްޑީޕީ ސަރުކާރެއް އޮވެ ކުޅުދުއްފުށީގައި މަޖްލިސް 02 މެމްބަރުން ތިބެ، 02 މެމްބަރުންނާއި 07 ކައުންސިލް މެމްބަރުންނަކީވެސް އެމްޑީޕީ މެމްބަރުންނަށް ވީހިނދު ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ލަސްވެފައިވާކަމީ ބައްދަލުވުމުގެ ބައިވެރިންނަށް ގަބޫލުކުރަން ފަސޭހަކަމަކަށް ނުވި އެވެ. ކުޅުދުއްފުށި އެއާޕޯޓަށް ޑިމާންޑް އޮވެ ފްލައިޓް ޝެޑިއުލް ނުކުރެވޭ ކަމާއި، ރަންވޭ ލައިޓް ޕްރޮޖެކްޓް އިންތިހާއަށް ލަސްވުމުގެ ސަބަބުން ރޭގަނޑު ފްލައިޓްތައް ނުފޭށޭކަމާއި ކުޅުދުއްފުށީގައި އަލަށް ތަރައްގީ ކުރެވުނު ބަނދަރު ނުހުޅުވި ލަސްވާކަމުގެ ޝަކުވާތައް އަނެއްކާވެސް ރައްޔިތުންވަނީ ތަކުރާރުކޮށްފައެވެ.

އެގޮތުން ވާހަކަދެއްކި އެއް ރައްޔިތަކު ކުޅުދުއްފުއްޓަށް ވުރެ ކުޑަ އަދި އެންމެ މަޖްލިސް މެމްބަރެއް ހުންނެވި ރަށެއްގެ ހުރިހާ މަގެއްގައި ތާރު އަޅާނިމިފައިވާކަމާ މިފަދައިން ކަންތައް ވާނަމަ މިފަދަ ވެރިންގެ ފަހަތުން 02 ވަނަ ފަހަރަށް ނުނިކުންނާނެކަމަށް ބުނެ ޝުއޫރު ފާޅުކުރި އެވެ.

އަދި މީގެ އިތުރުން ކައުންސިލްގެ ޕްރޮޖެކްޓްތައް ކަމަށްވާ ޕްލޭ ސުކޫލް ހިންގުމާއި، ކުނިކޮށި ވަށާފާރު ރާނައި ކުނި މެނޭޖްކުރުމާއި، ހިނަވާގެ ތަރައްގީ ކުރުންފަދަ ޕްރޮޖެކްޓްތައް ލަސްވާތީ އެކަމުގެ ޝަކުވާތައް ބައްދަލުވުމުގެ ރައްޔިތުން ވަނީ ޖުމްލަގޮތެއްގައި ކޮށްފައެވެ. އަދި އެކަމުގެ ސަބަބުތައް ސާފުކޮށް ދިނުމަށްވެސް ބައިވެރިންވަނީ އެދިފައެވެ.

ކައުންސިލްގެ މަސައްކަތްތައް ވަޒަންކުރާއިރު އަލަށް އިންތިހާބު ކުރެވުނު ސިޓީ ކައުންސިލް ކުރިއަށްވުރެ ހަރަކާތްތެރިކަން ކޮންމެފަރާތަށްވެސް ފާހަގަވާނެއެވެ. ނަމަވެސް މި ހަރަކާތްތެރިކަން ފެންނަނީ ބައެއް ކަންކަމުގައިކަން ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ރަށަށް އެކި ބޭނުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުހަބާ ދެންނެވުމާއި، ކުޅިވަރު މުބާރާތްތައް އިންތިޒާމް ކުރުމާއި އެހީވުމާއި، ދުވަސްތައް ފާހަގަ ކުރުމާއި، އެކި އިވެންޓްތައް ބޭއްވުމުގައި ކައުންސިލް ވަރަށް އަވަދިނެތި އުޅޭތަން ހުރިހާ ރައްޔިތުންނަށްވެސް ފެންނާނެ އެވެ. އަދި ފަހަކަށް އައިސް ކައުންސިލުން ބާއްވާ މިފަދަ އިވެންޓްތައް ގޮތް ފާޑު ބޮޑުކަމާ ކުރާ ހަރަދު އަދި މިކަންކަމާ ގުޅިގެން ނިންމާ ނިންމުންތައް ގިނަކަން ބަލާ މީހަކަށް ފާހަގަވާނެކަން ޔަގީނެވެ.

ނަމަވެސް ރައްޔިތުންގެ ބައްދަލުވުމުން ކައުންސިލަށް ލިބުނީ ކޮން މެސެޖެއްހެއްޔެވެ؟ ރައްޔިތުންގެ ހިޔާލަށާއި ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްކުރާ ކައުންސިލެއް ނަމަ ރޭގެ ބައްދަލުވުމުކީ ކައުންސިލަށް އެތަކެއް ފިލާވަޅުތަކެއް ލިބިގެންދާނެ ބައްދަލުވުމުކެވެ. މި ގޮތުން ރައްޔިތުންގެ ކަންބޮޑުވުން ހުރީ ރަށުގައި ކައުންސިލުން އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ލަސްވުމާއި ރަށަށް އެކަށީގެންވާ ތަރައްގީ ނާންނާތީ އެވެ.

ކައުންސިލްގެ މިހާރުގެ ބޮޑު ފޯކަސްއަކަށް ވެފައިވައިވާ ދުވަސް ފާހަގަކުރުމާއި އެކި އިވެންޓްތައް ގޮތްފާޑު އަދި ހަރަދުބޮޑުކޮށް ބޭއްވުމަކީ ރައްޔިތުން ކައުންސިލް ބަލައިގަންނަ ކަމެއް ނޫންކަމާއި މިފަދައިން ކަންތައް ވާނަމަ ކައުންސިލަށް އޮތް ސަޕޯޓް ކުރިއަށް އޮތްތަނުގައިވެސް ކުޑަވާނެކަން އެނގިގެންދިޔަ އެވެ. ސުވާލަކީ ކައުންސިލުން މި ބައްދަލުވުމުން ލިބިގަތް މެސެޖަކީ ކޮބައި ހެއްޔެވެ؟ ކައުންސިލްގެ ހިންގުން ރައްޔިތުން އެދޭ ގޮތަށް ބަދަލުކުރުމަށް ގެންނާނީ ކޮންކޮން ބަދަލުތަކެއްބާ އެވެ؟ ކައުންސިލްގެ މަސައްކަތްތަކާ ފޯކަސް މިވަގުތު ބެހެއްޓިފައިވަނީ ރައްޔިތުން އެދޭގޮތަށް ބާވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355