twitterviber whatsapp telegramfacebookyoutube instagram
11th December 2023

ޖަލްސާގެ ކޮންޓްރޯލާއި ފޯކަސް ގެއްލުމަށް ފުރުސަތު ނުދީ މޭޔަރުގެ ތަފްސީލީ ޖަވާބުތަކެއް

އަބްދުލް ވާހިދު ޙަސަން
Jul 23, 2022
14

ކައުންސިލްތައް އުފެދުނީސްސުރެއް އެންމެ ރަނގަޅަށް ރައްޔިތުންނާ ބައްދަލުކޮށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަނީ އަލަށް އުފެދުނު ސިޓީ ކައުންސިލޭ ބުނުމުން ދޮގަކަށްނުވާނެ އެވެ. ކުރީގެ ބައެއް ކައުންސިލްތަކުން ގަވައިދުން ރައްޔިތުންނާ ބައްދަލުނުކުރިނަމަވެސް މި ކައުންސިލަކީ އެގޮތުން ރައްޔިތުންނާ "ގާތުން" މަސައްކަތްކުރާ ކައުންސިލެކެވެ. ހޯމަދުވަހުގެ ބައްދަލުވުމުން އެކަނިވެސް އެކަން ޔަގީންވެ އެވެ.

ބުރާސްފަތިދުވަހު ރޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ސުވާލުކުރަން ހުޅުވާލުމާއެކު ގިނަ ބަޔަކު މައިކް ކައިރިއަށްގޮސް ކުރީ ޝަކުވާ އެވެ. މައިގަނޑު ޝަކުވާއަކީ މައި ސަރުކާރުގެ ފޯކަސް ކުޅުދުއްފުއްޓަށް ނެތުމުންނެވެ. ޕްރޮޖެކްޓްތައް މާ ބޮޑަށް ލަސްވުމުން ރައްޔިތުންގެ އުދާސްތައް ބަންޑުކޮށްލީ ހިތަކަށެވެ. މަޖިލީހަށް ފޮނުވި "ރަށު ދަރިން"ގެ ފަރާތުން އެކަށީގެންވާ މަސައްކަތް ނުފެންނާތީކަމަށް ބުނެ އެވެ.

ރައްޔިތުންގެ އުންމީދުތައް ހާސިލުވަމުންނުދާކަމަށްބުނެ ރައްޔިތުންގެ ޝަކުވާތައް ވަރަށް ޖަޒުބާތުގައި އޮއްސާލި އެވެ. ކުރީގެ ޖަލްސާތަކާ ހިލާފަށް އެރޭ ޖަލްސާގައި މޭޔަރު ދެއްވީ ވަރަށް ތަފްސީލީ ޖަވާބުތަކެކެވެ. ޖަވާބުތައް ދެއްވީވެސް ތަފާތުކޮށެވެ. މޭޔަރުގެ ޖަވާބުތައް ފުރިހަމަނުވަނީސްވެސް ބައެއް މީހުން މައިކް ކައިރިއަށް އައިސް އަޑުގަދަ ކުރުމުންވެސް މުޅި ޖަލްސާ މޭޔަރު ކޮންޓްރޯލްކުރީ ހުށިޔާރުކަމާއެކު އެވެ.

މުޅި ޖަލްސާގެ ކޮންޓްރޯލް މޭޔަރު ނެގި

ރައްޔިތުންނާއެކު ކައުންސިލްތަކުން ބާއްވާ ބައްދަލުވުންތަކަކީ އަބަދުވެސް ހޫނު ބައްދަލުވުންތަކެކެވެ. ޝަކުވާ އާއި އުދާސްތަކެވެ. މިއީ ހަމަ އަބަދުވެސް ރައްޔިތުން ބައްދަލުވުންތަކުން ފެންނަމުންދާ މަންޒަރެވެ. މީގެ ކުރިން ކުޅުދުއްފުށީގައި ބޭއްވި މިފަދަ ބައްދަލުވުންތައް ހޫނުވެ ބޮއްސުންލައި ގޮސް، އަވަގުރާނަ ގޮވައިފަވެސް އެ ބަހުއްޓެވެ. އެފަދަ މުޅި ބައްދަލުވުންތަކުގެވެސް ކޮންޓްރޯލް ނަގަނީ ރައްޔިތުންގެ ތެރެއިން ވަކި ބައެކެވެ. ކައުންސިލް ކުޑަކޮށްލާ ބޭނުންހާ އެއްޗެއް ގޮވައި ތިމާގެ ބޮޑުކަން ދައްކާލަން ތިބޭ "އަޑުގަދަ" މީހުންނަށް އެ ޖަލްސާތައްވެފައި އޮންނަނީ ރަނުގެ ފުރުސަތަކެވެ.

އެކަމާ ހެދި ރަނގަޅު ސުވާލުކުރަން ބޭނުންވާ މީހުންނަށް ގިނަ ފަހަރަށް އެ ފުރުސަތު ނުލިބެ އެވެ. އެކަމަކު ފަހުން މި ބޭއްވި ބައްދަލުވުން ވަރަށް ތަފާތެވެ.

ސުވާލު ކުރަން ހުޅުވާލުމާއެކު ކުރިއެކޭ އެއްގޮތަށް ޝަކުވާތައް އޮއްސާލީ އެވެ. ޖަޒުބާތުގައި ތިބި ރައްޔިތުންގެ ޝަކުވާ އާއި އުދާސް ބަންޑުންކުރަމުންދިޔައީ ހަރުއަޑުންނެވެ. ހިތްހަމަނުޖެހިފައި ތިބި އާންމުން ފުލުފުލުގައި ފޮނުވަމުންދިޔަ ހޫނު ބޯޅަތަަައް ހުށިޔާރުކަމާއެކު ކޮންޓްރޯލްކޮށް ޑިފެންސަށް ކުޅުނީ މޭޔަރު އެކަންޏެވެ. ކައުންސިލްގެ ގޯލް ފޫއަޅުވާލަނުދީ ހިފެހެއްޓީ މޭޔަރެވެ. މާޔަރު އާތިފް މުޅި ޖަލްސާގެ ކޮންޓްރޯލް ނެގީ ބައްދަލުވުން ބޮއްސުންލައިދާނެތީކަމަށް ބެލެވެ އެވެ.

އެ ފުރުސަތު ނުދީ މޭޔަރު ވަރަށް ބޮޑަށް ޖަލްސާ ކޮންޓްރޯލްކުރި މަންޒަރު ފެނުނެވެ. އަދި ބައްދަލުވުމުގައި ވަރަށް ތަފްސީލީ ޖަވާބުތަކެއްވެސް ދެއްވި އެވެ. އެހެން ޖަލްސާތަކާ ތަފާތުކޮށް މޭޔަރު މި ޖަލްސާގައި ވާހަކަދެއްކެވީވެސް ވަރަށް އަޑުހަރުކޮށެވެ. އެކަމަކު މޭޔަރު ބައްދަލުވުން ކޮންޓްރޯލްކުރި ގޮތް ކަމުނުދާނެ ބަޔަކުވެސް އުޅެދާނެ އެވެ. ނަމަވެސް ޔަގީންވާ ކަމަކީ އެ ރޭގެ ބައްދަލުވުން މޭޔަރު އެ ވަރަށް ނުހިފެހެއްޓިނަމަ ބޮއްސުންލީސް ކަމެވެ.

ޖަލްސާތަކުގައި ވިސްނަވީ ބައެއް ކަންކަން

މިފަދަ ބައްދަލުވުންތައް ބާއްވާއިރު ވިސްނަންވީ ގިނަ ކަންތައްތަކެއް ހުރެ އެވެ. އެންމެ ބޮޑު އިސްކަމެއްދޭންވާނީ ތަނުގެ މަސްލަހަތު ދެމެހެއްޓުމެވެ. އާންމުން ބައްދަލުވުން ކޮންޓްރޯލްކުރުން ފުރުސަތު ދެވިގެންނުވާނެ އެވެ. އާންމުން ބޭކާރު ވާހަކަދެއްކުމުގެ ބަދަލުގައި ސީދާ މައްސަލައަށް ނުވަތަ ސުވާލުތަކަށް ފުރުސަތު ދިނުން މުހިންމެވެ. އަދި އަންހެނުން ތިބި ނަމަ އެ ފަރާތްތަކަށްވެސް ހަމަވާނެ އުސޫލުން ޝުއުރޫ ނުވަތަ ސުވާލުކުރަން ފުރުސަތު ދެވެން ޖެހޭނެ އެވެ.

މައިކް ކައިރިއަށް ހުއްޓި ބޭނުންހާ އެއްޗެއް ކިޔަން ފުރުސަތު ދެވިގެންނުވާނެ އެވެ. އެކަމަށް ތައްޔާރުވެ މައިކްގެ އަޑު ކަނޑާލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަށް ޖެހޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355