ނިމިދިޔަ 7 އަހަރު ވެރިކަމުގައި، ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކަށް މޮހޮރެއްހާ މިންވަރުވެސް ޖަހާލާފައިނުވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީގައި ފެށި ހައުންސިންގ ޕްރޮޖެކްޓްތައް އެ ވެރިންކަން ބަދަލުވުމާއެކު ހުއްޓުނެވެ. ވީރާނާވާން ދޫކޮށްލާފައިވާ އެ ހައުންސިންގ ޕްރޮޖެކްޓްތަކުގެ މަސައްކަތް އަލުން ފެށީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެވެ.
ރައްޔިތުންނަށް މައުލޫމާތު ދެއްވުމަށް ބުރާސްފަތިދުވަހު ރޭ ބޭއްވި ބައްދަލުވުމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މޭޔަރު އާތިފް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ދެން އައި 7 އަހަރު، ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް އެއްވެސް މިންވަރެއް ލިބިފައިނުވާ ކަމަށެވެ.
މޭޔަރު ފާހަގަކުރެއްވީ ރައީސް ވަހީދުގެ ވެރިކަމުގެ އަހަރުގެ ދުވަސްކޮޅާއި ޔާމިނުގެ ވެރިކަމުގެ 5 އަހަރުގެ ވާހަކަ އެވެ.
"ހަދަން ފަށާފަ ހުރި [ ހައުސިންގ] މަޝްރޫއުއަށްވެސް މޮހޮރެއްގެ މިންވަރުވެސް ޖަހާނުލާ، އެ ހުރި ގޮތަށް ވީރާނާވާން [އެތަންތަން] ދޫކޮށްލީ." މޭޔަރު ވިދާޅުވި އެވެ.
މޭޔަރު މިފަދައިން ވިދާޅުވީ 2011 ވަނަ އަހަރު ކުޅުދުއްފުށީގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން 165 ރޯހައުސް އިން ނުނިމި ހުރި 105 ރޯހައުސް ނިންމަން 06 އެޕްރީލް 2021 ގައި ހަވާލުކުރި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޔަކުން 8 މަސް ދުވަސްތެރޭ ނިންމަން ހަވާލުވި ޕްރޮޖެކްޓެއް ނުނިމި ލަސްވަމުންދާތީ އެތަންތަން ނިންމާ ރައްޔިތުންނަށް އެތަނަށް ވަދެވޭނެ ތާރީހެއް އޮޅުން ފިލުވުމަށް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
"އެންމެ ފުރަތަމަ ދިން މުއްދަތަށް އެކި ފަހަރުމަތިން ބަދަލުތަކެއްގެނެވިއްޖެ. މައިގަނޑު ސަބަބަކީ އަޅުގަނޑުމެންނާ އެކީ 5 ފަހަރެއްގެ [މަތިން] ރޯހައުސްތައް ލިބޭ ފަރާތްތަކުން މަސައްކަތް ހިނގާތަނަށް ގޮސް މަސައްކަތަށް ގެންނަށް ޖެހޭ ބަދަލުތައް [ބަލާ] އެތައް ބައިވަރު ރަނގަޅު ކަންތައްތަކެއް އެ ޕްރޮޖެކްޓަށް [އަލުން އިތުރު] ކުރެވިއްޖެ." މޭޔަރު ވިދާޅުވި އެވެ.
އެގޮތުން ސިޑިތަކުގެ ރޭލިންގ އެސްއެސްއަށް ބަދަލުކުރުމާއި، މުއްޓާއި ބައިވަރު އެހެން ކަންތައްތަކެއް ރަނގަޅު ކުރެވި ބަޖެޓްވެސް އިތުރު ކުރެވިފައިވާ ކަމަށެވެ. މުއްދަތު އިތުރުކުރީ އެ ސަބަބުތަކަށްޓަކާ ކަމަށް ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ، އެތަނުން މީހުން ނުކުމެލާ މަޑުކޮށްލާނެ ފިނިމައިޒާނެއް ހަދައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ މިހާރު މި މަސައްކަތް ކުރަނީ މަގުބައްތި ޕްރޮޖެކްޓާއި ބިންގަނޑު ލެވެލިންގެ ޕްރޮޖެކްޓްވެސް އޭގެތެރެއަށްލާން ކަމަށެވެ. އެހެން ކަމުން އިތުރުކުރާ ކޮންމެ މަސައްކަތަކަށް އެ މީހުންވެސް މަސައްކަތް ނިންމުމަށް އިތުރު ވަގުތާއި ރުފިޔާ ޑިމާންޑުކުރާނެ ކަމަށެވެ.