twitterviber whatsapp telegramfacebookyoutube instagram
27th April 2024

އިމްޕޯޓް އެކްސްޕޯޓް އާމްދަނީ 44 ޕަސެންޓު މައްޗަށް

ޚަދީޖާ އާދަމް
Jul 25, 2022

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު، 44 ޕަސެންޓު މަތިވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 394 މިލިއަން ރުފިޔާއަށް އަރައެވެ. މިދިޔަ އަހަރުގެ ޖޫންމަހު ދައުލަތަށް ލިބިފައި ވަނީ 274 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ޖޫން މަހު ރާއްޖެއަށް ވަނީ ޖުމްލަ 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރި މުދަލުގެ ޖުމްލަ އަގުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އޮމާނުން އެތެރެކުރި މުދަލެެވެ. އެ ގައުމުން ޖުމްލަ 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، އެއީ ޖުމްލަ އަގުގެ 22 ޕަސެންޓެވެ.

ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ. އެގައުމުން 6 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު 3 ވަނައަށް އެންމެ ގިނަ މުދާ އެތެރެކުރި ޗައިނާއިން 558 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުން ދާއިރު، މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި ތެލާއި ގޭހުގެ ބާވަތްތަކުގެ އަގު 1.3 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން، މިދިޔަ މަހު އެތެރެކުރި މެޝިނަރީސްގެ އަގު 926 މިލިއަން ރުފިޔާއަށް އަރާއިރު، ކާބޯތަކެތީގެ އަގު 367 މިލިއަން ރުފިޔާއަށް އަރައެވެ.

މިދިޔަ ޖޫން މަހު ރާއްޖެއިން ޖުމްލަ 247 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހު ބޭރު ކުރި 154 މިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 60 ޕަސެންޓު އިތުރު އަދަދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355