twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު "އެއްމާރަކުން" ބަނދެވިފައިވާ ހަގީގީ ސިއްރަކީ އިސްލާމްދީން

ނަބީލާ އިސްމާޢީލް
Jul 26, 2022

ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤްލާލް އެކީ އެއްމާރަކުން ބަނދެވިގެންވާ ހަގީގީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އަދި މިނިވަން މުސްތަޤިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭ ގޮތެއްނޫން ކަމަކަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަންދުވަހުގެ މުނާސަބާގައި ދިވެހިގައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް ފޮނުއްވަވައި ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤްލާލް އެކީ އެއްމާރަކުން ބަނދެވިގެންވާ ހަޤީޤީ ސިއްރަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި އެދީނުގެ ރިސާލަތާ، ހިދާޔަތުން ދިވެހި އުންމަތް އެކުއެކީ އަލިވެ އުޖާލާވެގެން ދިއުމަކީ ދެދުނިޔޭގައިވެސް ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ނަސީބާ ރަހުމަތް ކަމަށެވެ.

އަދި ދުނިޔޭގައި ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުން އަބަދުވެސް ލާޒިމް ކަމަށެވެ. އަދި އެކަމަށްޓަކާ އެންމެ ފުރަތަމަ ރައްކާތެރިވެ ހިމާޔަތްކުރަން ޖެހެނީ، އަޅުގަނޑުމެންގެ އީމާނާ ޢަޤީދާ އަދި މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމުގެ ތާރީހަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއްކަމަށާއި، އެކީ އެކަތިގަނޑެއްގެ ގޮތުގައި، މިނިވަންކަމަށްޓަކާ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ދިވެހިން ވަނީ ވެފައި ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި ބަޠަލުންގެ ޒިކުރާ އާކުރައްވާފައެވެ.

މިނިވަންކަމަށްޓަކައި، ކޮންމެ ޤައުމެއްގެވެސް ހާރިޖީ އަދި ދާހިލީ ސިޔާސަތުގެ ދައުރު މުހިއްމު ކަމަށާއި މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާ، ތަރައްޤީއާ، ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތެއް ކަމަށެވެ. އަދި ދިވެހިދައުލަތް ހިނގަމުން ދަނީ ފުރިހަމަ މިނިވަން ކަމާއި އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ އެންމެ އިސް ޒިންމާއަކީ މިގައުމުގެ އަމިއްލަ ވެރިކަމާ މިނިވަންކަން ދަމަހައްޓައި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށާއި އެގޮތުން ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ރެޔާ ދުވާލު ކެނޑިނޭޅި އެ ކުރައްވަނީ އެމަސައްކަތްކަމަށާއި، އެތެރެއާ ބޭރުން ނުރައްކާ ކޮށްފާނެ ކޮންމެ ހާލަތަކަށް އަބަދާ އަބަދު ހޭލާ ތިބެނީ ރާއްޖޭގެ ސިފައިންނާ ފުލުހުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މުޖްތަމައުގެ ބައިބައިވުމާ ދެބަސްވުމާ، ހަމަނުޖެހުމާ، ހައިޖާނަކީ ޤައުމެއްގެ މިނިވަންކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށާއި އާއިލާ ތެރެއިން ފެށިގެން ދިރިއުޅޭ މާހައުލާއި، ރަށާއި، އަތޮޅާއި، މުޅިޤައުމުގައިވެސް ހަމަޖެހުން އޮންނަންޖެހޭނެ ކަމަށާ، އެއްވެސް ބަޔަކު ބާކީ ނުވާނެ ހުރިހާ ގޮތެއް ބަލައިގެން މެނުވީ، ޒުވާބުން އަރައި ނުގަނެވޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން އޮންނަން ޖެހޭނެ ކަމަށާ، އެއީ އަޑުއެހުމާ، މަޝްވަރާއާ އިހުތިރާމުން މެނުވީ، ގެނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އަމިއްލަ ދިރިއުޅުމައިގެން ކުރާނެ ފިކުރާ، ހިނގާނެ މަގު، ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި އެ މަގުން ގޮސްގެން މެނުވީ، ހަމަޖެހޭ އުފާވެރި، ފާގަތި، މިނިވަން ދިވެހިރާއްޖެ އެއް ލިބިގަތުމަށް ދަތިވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355