twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާއްޖެއިން ''އިންޑިއާ ފަސްޓް ޕޮލިސީ'' ދަމަހައްޓާނެކަމުގެ ޔަގީންކަން އިންޑިއާއަށް ދެއްވައިފި

ނަބީލާ އިސްމާޢީލް
Aug 2, 2022

ރާއްޖެއިން އަބަދުވެސް "އިންޑިއާ ފަސްޓް ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ދެއްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީގެ ދައުވަތުފުޅަކަށް ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު އިއްޔެ ވަނީ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

އިއްޔެ ހަވީރު ނިއުދިއްލީގެ ހޮޓެލް އައިޓީސީ މައުރިޔާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

އެގޮތުން ގުރޭޓާ މާލެ ކަނެކްޓްވިޓީ ބުރިޖާއި ހައުސިން މަޝްރޫއުތަކާއި އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫއުގެ އިތުރުން ބައެއް އެހެން މަޝްރޫއުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެހީގައި، ރާއްޖޭގައި މިހާރުވެސް މަޝްރޫއުތައް ބާރަށް ހިނގަމުންދާކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރައްވައި އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަޤީންކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ދެއްވާފައެވެ.

އެކްސްޓާނަލް މިނިސްޓަރުގެ އިތުރުން ރައީސްގެ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ރައީސް ބައްދަލު ކުރައްވާނެއެވެ. އެގޮތުން ދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މުމްބާއީއަށް ޒިޔާރަތް ކުރައްވައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސް ބައްލަވާލައްވަން ވަނީ ހަމަޖެހިފައެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355