twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިންޑިއާގެ އާ ރައީސް ފުރަތަމަ ބައްދަލު ކުރެއްވި ބޭރުގެ ވެރިއަކަށް ރައީސް ސޯލިހް

ނަބީލާ އިސްމާޢީލް
Aug 3, 2022

އިންޑިއާގެ އާ ރައީސް ދްރައުޕަތީ މުރްމުއާ ބައްދަލު ކުރެއްވި ބޭރުގެ ފުރަތަމަ ވެރިއަކަށް ރައީސް އިބްރާހިމް ސޯލިހް ވެވަޑައިގެންފިއެވެ.

އިންޑިއާގެ ރައީސްކަމާ ދްރައުޕަތީ ހަވާލުވެ ވަޑައިގަތީ މިދިޔަ މަހު އެވެ. މިއީ އެ ގައުމުގެ ރައީސްކަން ޓްރައިބަލް ދަރިކޮޅުގެ ބޭފުޅަކު އަދާކުރައްވާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އިންޑިއާގެ ރައީސްގެ މަގާމަށް އެކަމަނާ ވަޑައިގެންނެވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ރިޔާސީ ދައުރުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދްރައުޕަތީ އިއްޔެ ހަވީރު ބޭއްވެވި ބައްދަލުވުމަކީ ދްރައުޕަތީ ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ބޭރު ގައުމެއްގެ އިސްވެރިއަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސްގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ދިވެހި ވިޔަފާރިވެރިންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355