ރާއްޖޭން އަންނަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ބާއްވާ ގިނަ ކުޅިވަރު މުބާރާތްތަކެއްގައި ބައިވެރިވަމުންނެވެ. އެގޮތުން ދިވެހި ކުޅިވަރު އެތްލީޓުން އަންނަނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅިވަރު ސަހްސިއްޔަތުން ފަހަތަށް ޖައްސާލާ ކުޅިވަރުގައި ގައުމަށް ރީތިނަން ހޯދައިދެމުންނެވެ.
ކުޅިވަރުގެ ބުރަ ހަފްތާއެއް ކުރިއަށްދާއިރު ރާއްޖޭގެ ކާމިޔާބީތަކަށް ބަލައިލާނަމެވެ. ހާއްސަކޮށް މިވަގުތު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްއާއި ވިޒިޓް މޯލްޑިވްސް ޕްރޯގައި ހޯދަމުން އަންނަ ކާމިޔާބީ ތަކެވެ.
މީގެ 21 އަހަރު ކުރިން ރާއްޖޭގެ ސަމްހާ އަހްމަދު ހެދި ގައުމީ އަންހެން 100 މީޓަރު ދުވުމުގެ ރެކޯޑް މިފަހަރުގެ ކޮމަންވެލްތް ގޭމްސްގައި މުގުރާލައިފި އެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގައި މީގެ 21 އަހަރު ކުރިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ދުވުންތެރިޔާ، ސަމްހާ އަހުމަދު ހެދި ރެކޯޑް ކޮމަންވެލްތް ގޭމްސްގައި ދުވެގެން އައިޝަތު ހިމްނާ ހަސަން، 20، އިއްޔެ މުގުރާލައިފި އެވެ.
ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ އިވެންޓްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 12.17 ސިކުންތުންނެވެ. ހިމްނާ މިދުވަސްވީ ރެކޯޑް މުގުރާލިއިރު 21 އަހަރު ކުރިން ސަމްހާ އެރެކޯޑް ހެދީ 12.27 ސިކުންތުން ދުވެގެންނެވެ. ސަމްހާގެ ރެކޯޑް ހިމްނާ މުގުރާލީ 0.10 ސިކުންތުގެ ކުރިއެރުމަކާ އެވެ.
ހިމްނާއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން ޕެރިސް 2024 އޮލިމްޕިކްސް ސްކޮލާޝިޕް ވެސް ހާސިލްކުރި އެތްލީޓެވެ. ހިމްނާގެ އެންމެ ހާއްސަ އެއް އިވެންޓަކީ 400 މީޓަރު ދުވުމެވެ. އޭނާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން 400 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ހިމްނާ ވަނީ 2018، 2019، 2021 އަދި މި އަހަރުވެސް 400 މީޓަރު ރެކޯޑް މުގުރާލާފަ އެވެ.
އެތްލެޓިކްސްގައި އިއްޔެ ވާދަކުރި އެހެން އެތްލީޓުންނަށް ބަލާލާއިރު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ހީޓް އަށެއްގެ ފަސްވަނަ ހޯދާފަ އެވެ. 10.75 ސިކުންތުން އޭނާ ރޭސް ނިންމިއިރު މި ހީޓުގެ އެއް ވަނަ ހޯދި ޖެމެއިކާގެ ކޮންރޯއި ޖޯންސް ވަނީ 10.28 ސިކުންތުން ރޭސް ނިންމައިފަ އެވެ. ސާއިދު އަށް ދެން ވާދަކުރާނީ 200 މީޓަރު ދުވުމުގަ އެވެ.
އަންހެނުންގެ 100 މީޓަރު ދުވުމުގެ ހީޓު ހަތަރަކުން ރާއްޖޭގެ މަރިޔަމް އަލްހާ ހުސެއިން ވަނީ ހަތްވަނަ ހޯދާފަ އެވެ. އަލްހާ ރޭސް ނިންމީ 12.86 ސިކުންތުންނެވެ. މީގެއިތުރުން މަރިޔަމް ރޫޔާ އަލީ ހީތް 6ގައި ދުވިއިރު އޭނާ ރޭސް ނިންމާލަން ޖެހުނީ އަނިޔާ ވެގެންނެވެ.
މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގައި ރާއްޖޭގެ އަލީ ހުޝްރުވާން އަހްމަދު (ކުޑައައްޔަ) ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓަނާ މެކް ޑެނިއެލް ފަހަތަށް ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ފިރިހެން އޯޕަން ބައިގެ ހީޓު ފަހެއްގައި ވާދަކޮށް ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔަ އެއްވަނަ ހޯދީ 15.55ގެ ސްކޯއަކުންނެވެ. ދެވަނައަށް ދިޔަ ޓަނާ އަށް ލިބުނީ 13.30ގެ ސްކޯ އެކެވެ.
ކުޑައައްޔަ ޓަނާ ބަލިކުރިއރު ހަވާއީގެ ޓަނާ އަކީ ބޮޑީބޯޑިންގެ ބައިނަލްއަގްވާމީ މުބާރާތްތަކުގެ އެތައް ރެކޯޑެއް އޮތް އެތުލީޓެކެވެ. އޭނާ އަކީ ވޯލްޑް ޓުއާ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާފައިވާ އެތްލީޓެކެވެ. ބޮޑީބޯޑިންގެ އެންމެ މަތީ ސްކޯ ކަމަށްވާ 20.00ގެ ސްކޯއެއް ހޯދީ ދުނިޔޭގެ ފުރަތަމަ އެތުލީޓަކީ ވެސް ޓަނާ އެވެ. މުބާރާތުގެ މެން އޯޕަން ބައިގެ ހަތަރުވަނަ ބުރުގައި ކުޑަ އައްޔަ ނުކުންނާނީ ފްރާންސްގެ ޔަން ސަލައުން އާ ދެކޮޅަށެވެ.
ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ފިރިހެން އޯޕަން ބައިން ކުޑައައްޔަގެ އިތުރުން ރާއްޖޭގެ އިތުރު 3 ބޮޑީބޯޑަރަކު ވަނީ ޖާގަ ހޯދާފަ އެވެ. އެއީ އަލީ ޖާވިދު (ޖާއްޓެ) އާއި އަސްވާން މުހައްމަދު (ދޫނި) އަދި އިޔާން އަހުމަދު އެވެ.
މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މުބާރާތުގައި މިއަދަކީ އެންމެ ފޯރިގަދަ ހީޓުތައް ކުރިއަށްދިޔަ ދުވަހެވެ. މިގޮތުން ސީނިއާ ބައިގެ ތިން ވަނަ ބުރުގައި ފޯރިގަދަ ކުރިމަތިލުންތަކެއް ދިޔަ އެވެ. އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ ދެ ވަނައިގައި އޮތް ހަވާއީގެ ޓެނާ މެކް ޑެނިއެލް ބަލިކޮށް ރާއްޖޭގެ ކުޑަ އައްޔަ ފިރިހެން އޯޕަން ބައިގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދުމެވެ.
ޖޫނިއާ ޓީމުގެ އިޔާން އަހުމަދު ހަތަރުވަނަ ބުރުން ޖާގަ ހޯދީ ސައުތް އެފްރިކާގެ ނިކް އެންސްޓްރޮމް ކަޓުވާލާފަ އެވެ. މި ހީޓުން އެއްވަނަ އަށް ދިޔައީ ފްރާންސްގެ އަމައުރީ ލެވާން އެވެ. އަމައުރީ 13.00ގެ ސްކޯ އެއް ހޯދިއިރު އޭނާ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފަ އެވެ. އިޔާން ދެވަނަ ހޯދާފައިވަނީ 6.55ގެ ސްކޯ އަކާ އެކުގަ އެވެ.
ރާއްޖޭގެ ޖާއްޓެ ހަތަރު ވަނަ ބުރުން ޖާގަ ހޯދީ އެއްރާޅުގެ އެންމެ މަތީ ސްކޯއިން ކުރިހޯދައިގެންނެވެ. އެއީ ތިންވަނައަށް ދިޔަ އަހުމަދު ނަޒްމީންއާ ޖުމްލަ ސްކޯއިން އެއްވަރުވެގެންނެވެ. މި ހީޓުން އެއްވަނަ ހޯދީ މިވަގުތު ދުނިޔޭގެ ޗެމްޕިއަން ޓްރިސްޓަން ރޮބާޓްސް އެވެ. އޭނާ ވަނީ 12.65 ގެ ސްކޯއެއް މިހީޓުގައި ހަދާފަ އެވެ.
އަސްވާން ހަތަރުވަނަ ބުރުން ޖާގަ ހޯދީ ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. އަސްވާން ދެވަނަ ހޯދީ 9.10ގެ ސްކޯ އަކުންނެވެ. މިހީޓުގެ އެއްވަނަ ހޯދީ މޮރޮކޯގެ ބްރަހިމް އިޑޫޝް އެވެ. އޭނާ ވަނީ 16.25 ގެ ސްކޯއެއް ހަދާފަ އެވެ.
ހަތަރު ވަނަ ބުރުގައި ކުޑަ އައްޔަ ނުކުންނާނީ ފްރާންސްގެ ޔަން ސަލައުންއާ ދެކޮޅަށެވެ. ޖާއްޓެ ނުކުންނާނީ ރީޔޫނިއާންގެ ފަބިއަން ތަޒާއާ ދެކޮޅަށެވެ. އަސްވާން ހަވާއީގެ ޑޭވިޑު ހުބާޑުއާ ދެކޮޅަށް ނުކުންނައިރު ހަތަރުވަނަ ބުރުގައި އިޔާން ނުކުންނާނީ ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓެސް އާ ދެކޮޅަށެވެ. ޕިއޭ ލުއިސް ކޮސްޓެސް ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ބޮޑީބޯޑަރަކު ވަނީ ވަރަށް މަތީ ޝަރަފެއް ހޯދާފަ އެވެ. ފުރަތަމަ ބުރުގެ ހީޓު ތިނެއްގައި ވާދަކޮށް އެ ހީޓުން އެއްވަނަ ހޯދާ ރާއްޖޭގެ އަލީ ޝާމް ރާފިއު ވަނީ ވޯލްޑް ޓުއާ އިވެންޓެއްގައި ވާދަކޮށް ހީޓަކުން އެއްވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ބޮޑީބޯޑަރަށްވެފަ އެވެ.
މިހާރު ކުރިއަށްދާ މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ފައިނަލުން ރާއްޖޭގެ ކުޅަދާނަ ބޮޑީބޯޑަރު އާމިން މޫސާ ޖާގަ ހޯދައިފި އެވެ.
ސެމީ ފައިނަލު ފުރަތަމަ ހީޓުގައި ވާދަކޮށް އާމިން ކުރިހޯދީ ރާއްޖޭގެ ޝިމާލް ޝަމީމް (ޝިމައްލެ) ގެ މައްޗަށެވެ. މި ހީޓު އާމިން ކާމިޔާބުކުރީ 7.50ގެ ޖުމްލަ ސްކޯއަކުން ކަމަށްވާއިރު ޝިމައްލެ އަށް ލިބުނީ 7.00ގެ ސްކޯ އެކެވެ.
ފައިނަލުގައި އާމިން އާ ދެކޮޅަށް ނުކުންނަ ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ ފައިނަލަށް ދިޔައީ ސެމީގައި ރާއްޖޭގެ ޖަރީޝް ޖިހާދުގެ ބަލިކޮށެވެ. ގެބްރިއެލް މި ހީޓު 12.25ގެ ސްކޯއަކުން ކާމިޔާބުކުރިއިރު ޖަރީސްއަށް ލިބުނީ 3.05ގެ ސްކޯއެކެވެ.
މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ގައުމީ ބީޗްވޮލީ ބޯޅަ ޓީމުގެ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން އޮސްޓްރޭލިއާއަށް ވަރުގަދަ ފައިޓެއް ދީފި އެވެ.
އޮސްޓްރޭލިއާއަކީ ކޮމަންވެލްތް ގޭމްސްގެ ބީޗްވޮލީގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. މެޗަށް ނުކުތްއިރު އެންމެން ވެސް އޮތީ އޮސްޓްރޭލިއާ މޮޅުވާނެ ކަމަށް ގަބޫލުކޮށްފަ އެވެ. މެޗަށް ނުކުތްއިރު ވެސް އޮސްޓްރޭލިއާއަކީ ފޭވަރިޓެކެވެ. މޮޅުނުވެވުނު ނަމަވެސް ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މޮޅު ކުޅުމެއް ރާއްޖޭން ދެއްކި ނަމަވެސް އޮސްޓްރޭލިއާއިން މެޗުގެ ސެޓުތައް ދިޔައީ، 21 - 13 އާއި 21 - 17 އިންނެވެ. އޮސްޓްރޭލިއާއާ ދެކޮޅަށް ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ކުރި ހިތްވަރަށް ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފަ އެވެ.
ރާއްޖޭގެ ކުޑަކާއްޓެއާއި އެޑަމްގެ ޕެއާއަކީ މެޗަކަށް ފަހު މެޗެއް ކުޅުން ވަރަށް ބޮޑަށް އިމްޕްރޫވްކުރަމުން އަންނަ ޕެއާއެއްކަން ވަރަށް ފާހަގަކޮށްލެވެ އެވެ.
ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި ރުވާންޑާއާ ދެކޮޅަށް ވެސް މިޕެއާއިން ވަނީ މޮޅު ކުޅުމެއް ދައްކާ އެޓީމަށް ރަނގަޅު ފައިޓެއް ދީފަ އެވެ. ފުރަތަމަ ސެޓު، 21 - 16 އިން ރުވާންޑާއިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓު ރާއްޖޭން ކާމިޔާބުކުރީ 14 - 21 އިންނެވެ. މިއީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ފުރަތަމަ ފަހަރަށް މެޗެއް ތިން ސެޓަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ފަހު ސެޓުގައި ރުވާންޑާ ކުރިހޯދީ 16 - 14 ންނެވެ.
ގްރޫޕް ބީގެ އެއްވަނައިގައި އޮތް އޮސްޓްރޭލިއާ އާއި ދެވަނައިގައި އޮތް ރުވާންޑާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރުވަނައިގައި އޮތް ދެކުނު އެފްރިކާއަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. މިއަދު ރާއްޖެއާއި ދެކުނު އެފްރިކާއާއި ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ދެން އޮންނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ފެތުންތެރިން ގައުމީ 5 ރެކޯޑެއް މުގުރާލައިފި އެވެ. އަދި އެއް ފެތުންތެރިޔަކު ވަނީ ޖުމްލަ 3 ރެކޯޑެއް މުގުރާލާފަ އެވެ.
ރާއްޖޭގެ ގައުމީ ޗެމްޕިއަން މުހައްމަދު އާން ހުސައިން ވަނީ ތިން ރެކޯޑެއް މުގުރާލައިފަ އެވެ. އެއީ 50 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ފްރީ ސްޓައިލް އަދި 100 މީޓަރު ބަޓަފްލައި ސްޓްރޯކްގެ (ލޯންގް ކޯސް) ރެކޯޑެވެ. ބަޓަފްލައި ސްޓްރޯކްގެ (ލޯންގް ކޯސް) ރެކޯޑް އާން މުގުރާލާފައި މިވަނީ އިއްޔެ މުހައްމަދު ރީހާން ޝަހީމް ވެސް އެރެކޯޑް މުގުރާލާފައި ވަނިކޮށެވެ. ރީހާން ރޭސް ނިންމީ 1.05.12 ސިކުންތުންނެވެ. އާން ރޭސް ނިންމީ 1.03.35 ސިކުންތުންނެވެ.
ކުރިން އެ ރެކޯޑް އޮންނަނީ ކުރީގެ ފެތުންތެރިޔާ ނިޝްވާން އިބްރާހިމްގެ އަތުގަ އެވެ. ނިޝްވާން މިރެކޯޑް ހެދީ 2014 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި 1.05.22 އިން ރޭސް ނިންމައިގެންނެވެ.
ފްރީ ސްޓައިލް 100 މީޓަރުގެ ރެކޯޑް އާން މުގުރާލީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް 55.59 ސިކުންތުން ނިންމާ އޭނާ އަމިއްލައަށް ހެދި ރެކޯޑް މުގުރާލުމަށްފަހު އެވެ. މިފަހަރުގެ ކޮމަންވެލްތް ގޭމްސްގައި އާން މިރެކޯޑް އާކުރީ 55.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ނިޝްވާންގެ އިތުރު ރެކޯޑެއް ވެސް އާން ވަނީ ނިންމާފަ އެވެ. އެއީ 2015 ގެ ވޯލްޑް ޗެމްޕިއަންޝިޕްގައި 26.27 ސިކުންތުން ރޭސް ނިންމައިގެން ނިޝްވާން ހެދި ރެކޯޑެކެވެ. 50 މީޓަރު ފްރީ ސްޓައިލްގެ ރެކޯޑް އާން އިއްޔެ މުގުރާލީ 24.82 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރާއްޖޭގެ އެއްވަނަ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު އިއްޔެ ވަނީ 50 މީޓަރު ބެކްސްޓްރޯކް (ލޯންގްކޯސް) ގެ ރެކޯޑް މުގުރާލައިފަ އެވެ. ކުރިން ވެސް މިރެކޯޑް އޮންނަނީ ހަމަ ހިމްނާ އަތުގަ އެވެ. ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ ރެކޯޑް ހެދީ 34.53 ސިކުންތުން ރޭސް ނިންމައިގެން ކަމަށްވާއިރު ކޮމަންވެލްތު ގޭމްސްގައި އިއްޔެ ހިމްނާ ރެކޯޑް މުގުރާލީ 34.51 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިކްސް ޓީމު އިވެންޓްގައި ވާދަކުރި ރިލޭ ޓީމު 4 ގުނަ 100 މީޓަރުގެ ފްރީ ސްޓައިލް ރިލޭ އިވެންޓް 4.14.91 ސިކުންތުން ނިންމައިގެން ވަނީ ރެކޯޑެއް ހަދާފަ އެވެ. މިރެކޯޑް ހެދި ޓީމުގައި ހިމެނުނު ފެތުންތެރިންނަކީ އައިޝަތު ސައުސަން، ހަމްނާ، އާން އަދި މުބާލް އައްޒާމް އިބްރާހިމް އެވެ.
މިފަހަރުގެ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ ބެޑްމިންޓަށް ޓީމަށް އެންމެ އެދެވޭ ނަތީޖާއެއް ޓީމު އިވެންޓުގައި ނުރެނެވުނުއިރު ރާއްޖެއަށް މިހާރުވަނީ ޓީމް އިވެންޓް ނިމިފަ އެވެ. އެހެންނަމަވެސް އަދި ސިންގަލްސް އިވެންޓްތައް އެބަހުއްޓެވެ. އަދި މިހާތަނަށް ވާދަކުރި ބައިތަކުން ޓޭބަލް ޓެނިސް ޓީމަށް ވެސް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވެ އެވެ. އެހެންނަމަވެސް އޯވަރޯލްކޮށް ޓީމުން ދަނީ ކުރިއެރުން ހޯދަމުންނެވެ.