ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އޮގަސްޓް 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް އިސްލާމިކް މިނިސްޓްރީގެ ސައިޓުން ލިބެން ހުންނާނެއެވެ.
ޕްރޮޕޯސަލް ހުށަހެޅޭނީ އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ 'ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު' ގެ ދަށުން ޝަރުތު ހަމަވާ ކުންފުނިތަކަށް އެކަނި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުމްރާއަށް މީހުން ގެންދިއުމަށް މީގެ ކުރިން 37 ކުންފުންޏަކަށް ދީފައޮތް ހުއްދަ މިދިޔަ އަހަރު ވަނީ އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރުކޮށްދީފައެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން އެ ފަރާތްތަކަށް މީހުން އުމްރާއަށް ގެންދިއުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާތީއެވެ.
ކޮވިޑް-19އާ ގުޅިގެން ހައްޖާއި އުމްރާ ކުރުން މެދުކަނޑާލުމަށް ފަހު ސައުދީން އެންމެ ފުރަތަމަ ހައްޖާއި އުމްރާ ކުރުމަށް ހުޅުވާލީ އެގައުމުގެ ރައްޔިތުންނަށެވެ.
އޭގެ ފަހުން މިދިޔަ އަހަރު އެގައުމުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ބޭރު މީހުންނަށް އުމްރާ ކުރުމުގެ ހުއްދަ ދޭން ފަށާފައެވެ.