ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި މުމްބާއީއަށް މިއަދު ވަޑައިގެންފިއެވެ. މިއީ މި ދަތުރުފުޅުގައި ވަޑައިގަންނަވާ ފަހު މަންޒިލެވެ.
ރައީސް ސޯލިހު މުމްބާއީއަށް ވަޑައިގެން ކުރައްވާ އެ ޒިޔާރާތުގައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެއެވެ.
މުމްބާއީގެ ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާއި ބައްދަލުކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.
މީގެއިތުރުން މުމްބާއީގައި ބާއްވާ ބިޒްނަސް ފޯރަމަށް ވަޑައިގެން ރައީސް ސޯލިހް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަތީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
އިއްޔެ ނިއުދިއްލީގެ ހައިދްރަބާދު ހައުސްގައި ތިލަމާލޭ ބްރިޖުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ތިލަމާލޭ ބްރިޖުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ރައީސް ސޯލިހާއި މޯދީއެވެ.
އެ ރަސްމިއްޔާތުގައި ރާއްޖެއާ އިންޑިއާއާ ދެމެދު ހަ އެމްޔޫއެއްގައި ސޮއިވެސްކޮށްފައިވެއެވެ.
ރައީސްގެ އިންޑިއާ ދަތުރުފުޅުން ނިންމަވާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.