twitterviber whatsapp telegramfacebookyoutube instagram
17th August 2022

ޢާޝޫރާ: ދުނިޔެ ދުށް އެންމެ ނުބައި ޖައްބާރުގެ ކިބައިން ކާމިޔާބު ލިބުނު މަތިވެރި ދުވަސް

ހ.މ
Aug 5, 2022

ޢާޝޫރާ ދުވަހަކީ، މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މަސްތަކުގެ ތެރޭގައި ހިމެނޭ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. އެދުވަހަކީ، ދުނިޔެ ދުށް އެންމެ ނުބައި ޖައްބާރު ވެރިކަން ކުރި ފިރުޢައުނުގެ ކިބައިން މޫސާ ގެފާނާއި އެކަލޭގެފާނާ އެކުގައިވީ މީހުން ސަލާމަތް ކުރެއްވި ދުވަހެވެ. އަދި އެ އަނިޔާވެރި ފިރުޢައުނާ އޭނާގެ މީހުން ކަނޑަށް ޣަރަޤު ކުރެއްވި ދުވަސް ވެސް މެއެވެ.

ފިރުޢައުނަކީ ކަލެއްކަމަށް ދަޢުވާކޮށް، އޭނާގެ ވަޒީރުންނާ އާއިލާ މީހުން ފިޔަވައި ދެންތިބި މީހުންނަކީ އަޅުންކަމުގައި ހަދައި އުޅުނު މީހެކެވެ. މީހުން ލައްވައި އޭނާއަށް ސަޖިދަ ކުރުވައި ހަދައެވެ.

"ފަހެ އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ" (ކީރިތި ޤުރުއާން 24:79)

މާތް ﷲ އަށް ކިޔަމަންވެ އެކަލާނގެއަށް އަޅުކަން ކުރުމަށް މޫސާ ގެފާނު ފިރުޢައުނަށް ގޮވާލެއްވުމުން ބޮޑާވެ ކިބުރުވެރިވިއެވެ. އަދި އޭނާގެ އާރާއި ބާރު ދައްކުވައި، އިސްރާއީލް ދަރިފަސްކޮޅު މީހުން އަޅުވެތި ކަމުގައި ގެންގުޅުނެވެ. މާތް ﷲ މޫސާ ގެފާނު މެދުވެރި ކުރައްވައި ފިރުޢައުނަށް އެތައް މުޢުޖިޒާތެއް ދެއްކެވުމުންވެސް އެކަން ޤަބޫލެއް ނުކުރިއެވެ. އަދި އިސްރާއީލް ދަރިފަސްކޮޅު މޫސާ ގެފާނާއެކު އެރަށުން ދިޔުމުގެ ހުއްދައަށް އެދުމުން، އެކަމަށްވެސް އިންކާރު ކުރިއެވެ.

މާތް ﷲ ގެ އެންގެވުމަށް، މޫސާ ގެފާނު، އެކަލޭގެފާނާ އެކުގައިވީ މީހުންނައިގެން ރަށުން ނުކުތުމަށް ދަތުރު ފެއްޓުމުން، އެމީހުން އަތުލައިގަތުމަށް ފިރުޢައުނު އޭނާގެ ލަޝްކަރާއެކު އައެވެ. މޫސާ ގެފާނާއި އެކަލޭގެފާނާ އެކުގައިވީ މީހުން ކަނޑުގެ އައްސޭރި ފަށަށް ކައިރިވި ވަގުތު، ފިރުޢައުނާ އޭނާގެ ލަޝްކަރު އަންނަތަން ފެނުނެވެ. އެވަގުތު މޫސާ ގެފާނާ އެކުގައިވީ މީހުން ބުނެތެވެ.

"ހަމަކަށަވަރުން އެއުރެން އަހުރެމެން އަތުލައިގަންނާނެތެވެ." (ކީރިތި ޤުރުއާން 62:26).

މާތް ﷲ ގެ ޢަމުރުފުޅާއެކު މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވިއެވެ. ކަނޑު 12 ބަޔަށް ބައިވެގެން ދިޔައެވެ. އަދި އެކަނޑުގައި ޣަރަޤުނުވެ އެކަލޭގެފާނާއި އެކަލޭގެފާނާ އެކުގައިވީ މީހުން މާތް ﷲ ސަލާމަތް ކުރެއްވިއެވެ.

"ފަހެ ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ފަރުބަދައެއް ފަދައިންވިއެވެ." (ކީރިތި ޤުރުއާން 63:26)

ފިރުޢައުނާ އޭނާގެ ލަޝްކަރު އެތަނުން ހުރަސްކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ގަދަ ކީރިތިވަންތަ މާތް ﷲ އެބައިމީހުން ކަނޑުގެ ތެރެއަށް ޣަރަޤު ކުރެއްވިއެވެ.

"ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފަރުން) ޣަރަޤު ކުރެއްވީމެވެ." (ކީރިތި ޤުރުއާން 66:26)

ޢާޝޫރާ ދުވަސް މުސްލިމުން ފާހަގަކުރަނީ، މަތީގައި އިޝާރާތް ކުރެވިފައިވާ ފަދައިން މޫސާ ގެފާނަށް މާތް ﷲ ދެއްވި މަތިވެރި ކާމިޔާބު ފާހަގަކުރުމުގެ ގޮތުންނެވެ. އެދުވަހު ރޯދަ ހިފުމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ މަތިވެރި އަޅުކަމެކެވެ. އަދި އެދުވަހުގެ ކުރީ ދުވަސް، މުޙައްރަމް މަހުގެ 9 ވަނަ ދުވަހުވެސް ރޯދަ ހިފުމަށް އެކަލޭގެފާނު އުންމަތަށް އިރުޝާދު ދެއްވާފައިވެއެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމާ ހެޔޮ ޢަމަލު ކުރުމަކީ ގިނަގުނަ ފައިދާ ލިބޭ މަތިވެރި އަޅުކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ޙަޔާތްޕުޅުން ފެށިގެން އެކަލޭގެފާނުގެ މާތް ސަޙާބީންގެ ޙަޔާތްޕުޅުންވެސް ފެނިގެން ގޮސްފައިވާ މަތިވެރި އަޅުކަމެކެވެ. ޢާޝޫރާ ދުވަހުގެ ރޯދައާއި ގުޅޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ހަދީސެއްގެ މާނައިގައިވެއެވެ.

"އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." (މުސްލިމް)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355