ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށްފި ނަމަ ރާއްޖެ އަންނަ ފަތުރުވެރިން މަދުވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ގެއްލުންވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފި އެވެ.
މަޓާޓޯއިން ކުރި ސާވޭއިން ދައްކާގޮތުގައި ޓެކްސް ބޮޑުކުރަން ފަށައިފިނަމަ އަންނަ އަހަރު ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 10 އިންސައްތައިގެ ދަށްވުމެއް އަންނާނެ ކަމަށެވެ. އެ ސާވޭއިން ދައްކާ ގޮތުން ޓެކްސް ބޮޑު ކުރުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ އަގަށް ބަދަލު ގެނެސްފި ނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ އެވެ.
ސަރުކާރުން ވަނީ އަންނަ އަހަރު ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރަން ނިންމައިފަ އެވެ. އެ ނިންމުމަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވެސް އޮތީ މަރުހަބާ ކިޔައިފަ އެވެ.
މަޓާޓޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެކްސް ބޮޑުކުރުމުގެ ކުރިން ރާއްޖޭގެ އެންމެ އުފެއްދުންތެރި ސިނާއަތް އަދި ގައުމުގެ 74 އިންސައްތަ އާމްދަނީ އެކަމަކަށް ބަރޯސާވާ ޓޫރިޒަމް ސިނާއަތަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތައް ސަރުކާރުން ދިރާސާކުރުން މުހިންމު ކަމަށެވެ.
ބޭރުގެ 300 އަށްވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ބައިވެރިވެގެން މަޓާޓޯއިން ހެދި ދިރާސާއެއްގެ އަލީގައި މަޓާޓޯއިން ބުނީ، ޓެކްސް ބޮޑުކޮށްފިނަމަ އަންނަ އަހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު %10 ދަށްވާނެ ކަމަށެވެ. އޭގެ ބުރަ އެންމެ ބޮޑަށް އުފުލަން ޖެހޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިންގާ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.
މަޓާޓޯއިން ވަނީ މިދިޔަ ހަފްތާގައި އައިއެމްއެފްގެ ޓީމަކާ ބައްދަލުކޮށް ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފަ އެވެ.
މަޓާޓޯއިން ބުނީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަން ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑަށް ކުރަން ފަށާފައިވާ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ، މި އަހަރުގެ ސަމާ ސީޒަނުގައި ވެސް 30 ޕަސެންޓާއި 40 ޕަސެންޓުގެ ޑިސްކައުންޓް ރޫމްތަކުން ދިން ކަމަށެވެ. އަދި ޓެކްސް ބޮޑު ކުރުމުން އެފަދަ ބޮޑު ޑިސްކައުންޓެއް ދޭން އުނދަގޫވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
މަޓާޓޯއިން ވަނީ ޓީޖީއެސްޓީ ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން އެހެން ފިޔަވަޅުތައް އަޅަން ސަރުކާރަށް އެދިފަ އެވެ.