twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފުލަމްއާ އެއްވަރުވެ ލިވަޕޫލަށް ޕޮއިންޓެއް، ޓޮޓެންހަމުން ސައުތެމްޓަން ބަލިކޮށްފި

މުޙައްމަދު އަހުމަދު
Aug 6, 2022

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލުން ފުލަމްއާ އެއްވަރުވިއިރު ޓޮޓެންހަމުން ފަސޭހަކަމާއެކު ސައުތެމްޓަން ބަލިކޮށްފި އެވެ.

މިއަދު ހަވީރު ލިވަޕޫލާއި އަލަށް ޕްރޮމޯޓްވި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 2 - 2 ން އެއްވަރުވެގެންނެވެ. ލީގުގައި ލިވަޕޫލުން ފުރަތަމަ މެޗުގައި އެއްވަރުވިއިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ފުލަމްއިންނެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ފުލަމްއަށް ލީޑު ނަގައިދިނީ ލިބުނު ކޯނަރަކުން އެލެކްސެންޑަރ މިޓްރޮވިޗެވެ. މިއަދުގެ މެޗުގައި ފުލަމްގެ 2 ލަނޑު ވެސް ކާމިޔާބުކުރީ މިޓްރޮވިޗެވެ. ދެވަނަ ލަނޑަކީ ވެން ޑައިކް މިޓްރޮވިޗަށް ފައުލްކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ލިވަޕޫލުގެ ފުރަތަމަ ލަނޑު ބެކްހީލް ފްލިކަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާދު ކުޅެން ނުކުތް ޑާވިން ނޫނޭޒް އެވެ. ލިވަޕޫލުން މެޗުގައި އެއްވަރުކުރީ ނޫނޭޒްގެ އެސިސްޓަކުން މެޗު ނިމެން 10 ވަރަކަށް މިނެޓަށްވެފައި ވަނިކޮށް މުހައްމަދު ސަލާހު އެވެ.

ޓޮޓެންހަމުން މިއަދު ވަނީ ފަސޭހަކަމާއެކު 4 - 1 ން ސައުތެމްޓަން ބަލިކޮށްފަ އެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ސައުތެމްޓަން އެވެ. 12 ވަނަ މިނެޓުގައި ޖޭމްސް ވާޑް-ޕްރައުސްގެ ލަނޑުން ސައުތެމްޓަނުން ލީޑު ނެގިނަމަވެސް ޓޮޓެންހަމުން ވަނީ 21 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފަ އެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ ރަޔަން ސެސެގްނަން އެވެ. އޭގެ 10 މިނެޓުފަހުން އެރިކް ޑިއާ މެޗުގައި ފުރަތަމަ ފަހަރަށް ޓޮޓެންހަމަށް ލީޑު ނަގައިދިނެވެ. ޓޮޓެންހަމުގެ 3 ވަނަ ލަނޑަކީ ސައުތެމްޓަންގެ މުހައްމަދު ސަލިސޫ އަތުން 61 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑެކެވެ. ޓޮޓެންހަމުގެ ފަހު ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑޭޖަން ކުލުސެވްސްކީ އެވެ.

މިއަދު ކުޅެވުން އެހެން މެޗުތަކަށް ބަލާއިރު ބޯންމައުތުން 2 - 0 ން އެސްޓަންވިލާ ބަލިކުރިއިރު ނިއުކާސަލުން ވަނީ ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް 2 - 0 ން ކުރިހޯދާފަ އެވެ. ލީޑްސްއިން 2 - 1 ން ވުލްވުސް ބަލިކުރިއިރު ލީގު ފެށި މެޗުގައި އާސެނަލުން ވަނީ 2 - 0 ކުރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355