މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިއަދު ނިމިގެންދިޔަ ދުނިޔޭގެ ބޮޑީ ބޯޑިން މުބާރާތު/ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ބައިގެ ދެވަނަ ރާއްޖޭގެ އާމިން އުމަރު މޫސާ ހޯދާ ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.
އިންޓަނޭޝަނަލް ބޮޑީ ބޯޑިން ކޯޕަރޭޝަން (އައިބީބީސީ)ގެ ވޯލްޑް ޓްއާ މުބާރާތުގެ ފައިނަލަކަށް ދަތުރުކުރި ހަމައެކަނި ދިވެހި ބޮޑީބޯޑަރުގެ ޝަރަފާއެކު ވެސް އާމިން ވަނީ ތާރީހުން ޖާގަ ހޯދާފަ އެވެ. މިއަދު ކުރިއަށްދިޔަ ފައިނަލުގައި އާމިން ވާދަކުރީ ސްޕެއިންގެ ކެނެރީ އައިލެންޑްގެ ގެބްރިއަލް މޮލީނާއާ ދެކޮޅަށެވެ.
ފޯރިގަދަ ފައިނަލުގައި އާމިން ބަލިވި ނަމަވެސް އޭނާ ވަނީ ބޮޑީބޯޑިން ތާރީހުން ޖާގަ ހޯދާފަ އެވެ. ފައިނަލުގައި މޮލީނާ އަތުން އާމިން ބަލިވީ ވަރަށް ކުޑަ ތަފާތަކުންނެވެ. މޮލީނާ 13 ޕޮއިންޓް ހޯދިއިރު އާމިންއަށް ހޯދިފައިވަނީ 12.1 ޕޮއިންޓެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު މިފަހަރުގެ ބޮޑީބޯޑިން މުބާރާތަކީ ރާއްޖެއަށް ކާމިޔާބު މުބާރާތަކަށެވެ. ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޗެމްޕިއަން އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) ވަނީ އިންޓަނޭޝަނަލް ބޮޑީބޯޑިން މުބާރާތެއްގެ ގަދަ އަށަކަށް އަދި ގަދަ ހަތަރަކަށް ދަތުރުކުރި ފުރަތަމަ ބޮޑީބޯޑަރުގެ ޝަރަފު ހޯދާފަ އެވެ. ބަލިވި ކަމުގައިވީ ނަމަވެސް ކުޑަ އައްޔަ ވަނީ ސީނިއާ ފިރިހެން ކެޓަގަރީގެ ކުއާޓާ ފައިނަލަށް އަދި ޑްރޮޕް ނީ ކެޓަގަރީގެ ސެމީއަށް ދަތުރުކޮށްފަ އެވެ.
ސީނިއާ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަމާއި ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޑޭވިޑް ހަބާޑް އެވެ. ހަބާޑްއަކީ ބޮޑީ ބޯޑިން ދުނިޔޭގެ 8 ފަހަރުގެ ޗެމްޕިއަނެވެ. ފައިނަލުގައި ހަބާޑް ވާދަކޮށްފައިވަނީ ފްރާންސްގެ އަމަރުރީ ލެވާންއާ ދެކޮޅަށެވެ. ހަބާޑް ޗެމްޕިއަންކަން ހޯދީ 14.5 ޕޮއިންޓާއެކު އެވެ. ލެވާން އަށް ހޯދުނީ 14.4 ޕޮއިންޓެވެ.
ޑޮރޮޕް ނީ އިވެންޓްގެ ފައިނަލުގައި ވެސް ހަބާޑް ވާދަކުރީ ލެވާންއާ ދެކޮޅަށެވެ. ހަބާޑް 16 ޕޮއިންޓް ހޯދިއިރު ލެވާންއަށް ހޯދިފައިވަނީ 11.75 ޕޮއިންޓެވެ. އަންހެން ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ އިޒަބެއްލާ ސޫޒާ އެވެ. އޭނާ ވަނީ ފައިނަލުގައި 16 ޕޮއިންޓްގެ ސްކޯއެއް ހަދާފަ އެވެ.