ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު އިޤްތިސޯދު ކުރުމަކީ، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކިޔެވުމުގެ ތެރެއިން، އަހުލާޤީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި އަދި އޭގެ އިތުރުން ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް މުހިންމުކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނުވަނީ ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ ރާއްޖެއާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ކިޔަވާކުދިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެއްކަމަކަށް، ތިމާވެށި ހިމާޔަތްކުރުމަކީ އެންމެ ޅަފަތުން ފެށިގެން ވެސް ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދެވަނަ ކަމަކަށް އިގްތިސާދު ކުރުމަކީ، އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކުއްޖެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ވަރަށް މުހިންމު އާދައެއްކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫންކަން ފާހަގަކުރައްވައި، ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ޓީޗަރުންނާއި މުދައްރިސުންގެ އިލްމީ ޤާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން ކުރައްވާ މި މަސައްކަތްތަކާއެކު ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުޤުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިންނަށް ދޭ ތަޢުލީމުގެ ފެންވަރު މަތިވެ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ.
އަދި އެ ސްކޫލް މަދަރުސާތަކުގައި 92 ހާހަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76 ހާހަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެއެވެ. އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ.