twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް މުގުރާލިއިރު ޓީމުގައި ކުޅުދުއްފުށީގެ އެތްލީޓެއް

މުޙައްމަދު އަހުމަދު
Aug 7, 2022

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތް ގޭމްސް 2022 ގެ އެތްލެޓިކްސްގައި ރާއްޖޭގެ އަންހެން ރިލޭ ޓީމުން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

4 ގުނަ 100 މީޓަރު ރިލޭއިން އަންހެން ޓީމުން ގައުމީ ރެކޯޑް މުގުރާލިއިރު ޓީމުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާން އެތްލީޓަކު ހިމެނެ އެވެ. 200 މީޓަރު ދުވުންތަކުން އަދި 400 މީޓަރު ދުވުންތަކުން ފާހަގަކޮށްލެވޭ އެތްލީޓް ރިފާ މުހައްމަދު ވަނީ މިފަހަރުގެ ކޮމަންވެލްތް ގޭމްސް ރިލޭ ޓީމުގައި ހިމެނި ގައުމީ ރެކޯޑް މުގުރާލާފަ އެވެ.

ރިފާއާއެކު ދެން ގައުމީ ރިލޭ ޓީމުގައި ހިމެނުނީ އަރަމުން އަންނަ ޒުވާން ދުވުންތެރިންކަމުގައިވާ މަރިޔަމް އަލްހާ ހުސެއިންއާއި އައިމިނަތު ލަޔާނާ މުހައްމަދެވެ. އަދި ރާއްޖޭގެ އެންމެބާރު އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އެވެ. ހިމްނާ ވަނީ މިފަހަރުގެ ކޮމަންވެލްތް ގޭމްސްގައި 21 އަހަރުވީ 100 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލާފަ އެވެ.

އަންހެން ރިލޭ ޓީމުން މިފަހަރުގެ ގޭމްސްގައި ރިލޭ ނިންމީ49.19 ސިކުންތުން ދުވެގެންނެވެ. ކުރީގެ ރެކޯޑަކީ 50.16 އެވެ. މިއީ 0.97 ސިކުންތުގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެ އެވެ. ކުރިން މިރެކޯޑް ހަދާފައިވަނީ ސައުތް އޭޝިއަން ގޭމްސްގަ އެވެ. އެފަހަރުގެ ޓީމުގައި ހިމެނުނީ ރިފާއާއި އަލްހާ އަދި ހިމްނާގެ އިތުރުން ސާރާ މައްސޫދު އެވެ.

ކުޅުދުއްފުއްޓަށް އުފަން ރިފާއަކީ ކުޅުދުއްފުށީގެ ޝަރީފް ސްޕޯޓްސްގައި 2013 އިން ފެށިގެން ތަމްރީންވަމުން އަންނަ ހުނަރުވެރި ދުވުންތެރިއެކެވެ. ރަށު ފެންވަރުން ފެށިގެން އެކި މުބާރާތްތަކުގައި ވާދަކުރަމުން އައި ރިފާއަކީ މިހާރު ގައުމީ ޓީމުގެ މުހިންމު އެތްލީޓެކެވެ. މިފަހަރުގެ ގޭމްސްގައި 200 މީޓަރު ދުވުމުގައި ވެސް ރިފާ ވާދަކުރިއިރު އޭނާ ވަނީ އޭނާގެ ޕާސަނަލް ރެކޯޑް ވެސް އާކޮށްފަ އެވެ. 26.87 ސިކުންތުން ދުވެ ރެކޯޑް އާކުރިއިރު އޭނާގެ ކުރީގެ ރެކޯޑަކީ 27.15 ސިކުންތެވެ.

ރިފާ އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ގައުމަށާ ރަށަށް ރީތިނަން ހޯދައިދެމުންނެވެ. ކުރިން ކޭއޯއަށް ދިން އިންޓަވިއުއެއްގައި ރިފާ ބުނީ އޭނާގެ އެންމެ ބޮޑު ޑްރީމްއަކީ އިންޓަނޭޝަނަލް މުބާރާތްތަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިނުމެވެ. ރިފާ މިހާރު މަސައްކަތްކުރަމުން އަންނަނީ އެއުއްމީދު ހާސިލްކުރުމަށެވެ. މިފަހަރުގެ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރާ އެތްލެޓިކްސް ޓީމުގައި ވެސް ރިފާ ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355