ދިރާގުން މަމްސް އެންޖީއޯ އިން ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް 2022" ޕްރޮގްރާމްއަށް އެހީތެރިވެއްޖެއެވެ.
މި ޕޮރޮގްރާމްގެ ދަށުން މަމްސް އެންޖީއޯއިން ދަނީ އެހީ ބޭނުންވެފައިތިބި ގިނަ އާއިލާތަކުގެ ކުދިންނަށް މި ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެމުންނެވެ.
މި ޕްރޮގްރާމްގެ ދަށުން މަމްސް އެންޖީއޯގެ ކެއާރ ލިސްޓުގައި ރަޖިސްޓްރީ ކޮށްފައިވާ ބައެއް އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޫޓު، އިސްޓާކީނު އަދި ޔުނީފޯމް ސެޓްތައް ދީފައިވެއެވެ.
"ބެކް ޓު ސްކޫލް 2022" އަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއިއެކު މިއަހަރު މަމްސް އެންޖީއޯއިން ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިހާތަނަށް 134 ކެއާ ޕެކޭޖް ބަހައިފައެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. މީގެ ތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ އެކަނިވެރި މައިން ހިމެނެއެވެ.
މަންމްސް އެމްވީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު މައިންނަށް ހާއްސަ ކުރެވިފައިވާ އޮންލައިން ޕްލެޓްފޯމްއެކެވެ. 2016 ގައި ފޭސްބުކް ޕްރައިވެޓް ގްރޫޕްއެއްގެ ގޮތުގައި ވަޖޫދަށް ގެނެވުނު މި ހާއްސަ ޕްލެޓްފޯމްގައި މިއަދު 18000 އަށް ވުރެ ގިނަ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބި ކަމަށް މަންމްސް އެމްވީ އިން ބުނެއެވެ.
ދިރާގުން ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއިންގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.