twitterviber whatsapp telegramfacebookyoutube instagram
24th April 2024

މުސްތަގުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ ޒުވާނުން ބާރުވެރިކުރުން:ނައިބް ރައީސް

ނަބީލާ އިސްމާޢީލް
Aug 13, 2022
3

މާދަމާގެ މުސްތަގުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބުގެ ވިދާޅުވީ މާދަމާގެ މުސްތަގުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން ކަމަށާއި، ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދީ، ޒުވާނުންނަކީ ގާބިލް ބަޔަކަށް ހެދުންކަމަށެވެ. އަދި މިކަމަކީ އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއްކަމުގައި ވެސް އެމަނިކުފާނުވިދާޅުވިއެވެ.

އަދި މިވަގުތު ދިވެހިގައުމު ބޭނުން ވަނީ އެންމެން އެކުވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"މިކަން ފެށިގެން އަންނަން ޖެހޭނީ ސްކޫލުގެ ތެރެއިން، އަޅުގަނޑުމެންގެ ކަނޑައެޅިފަ އޮތް ކަރިކިއުލަމަކީ އަދި ސިލަބަސްއަކީ، ސިލަބަސްގެ މައްސަލައެއްވެސް ނޫން ހަގީގީ މައްސަލައަކަށްވަނީ" އެމަނިކުފާނު ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯއެއްވެސް އިފްތިތާހްކޮށްދެއްފައެވެ.

މިޖަލްސާގައި ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް އާއި ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނާއި، ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި، ކުޅުދުއްފުށީގެ މުއައްސަސާތަކުގެވެރިން ބައިވެރިވެލެއްވިއެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ، ޒުވާނުންކަމަށާއި، އެހެންކަމުން ތަރައްޤީގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ މީހުން ޝާމިލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރާ ދައުރަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް މުހިންމު ދައުރެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ޒަމާނުންފެށިގެން އަޅުގަނޑުމެނަށް ދަސްވެފަހުރި ރަނގަޅު ހުރިހާ އާދަކާދަތައް އެއީ އަޅުގަނޑުމެން ދޫކޮށްލައިގެންވާނެ އެއްޗެށްނޫން." ނައިބް ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، "ޖީލުތަކުގެ އެއްބައިވަންތަކަށް، ހުރިހާ އުމުރުފުރައަކާއި ގުޅޭ ދުނިޔެއެއް ބިނާކުރުން." މިޝިއާރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355