twitterviber whatsapp telegramfacebookyoutube instagram
19th April 2024

207 ބައިވެރިންނާއެކު 'ހަށިހެޔޮ' ކަސްރަތު ޕްރޮގްރާމް ފަށައިފި

ނަބީލާ އިސްމާޢީލް
Aug 15, 2022

ކުޅުދުއްފުށީ ޕަބްލިކް ހެލްތު ޔުނިޓާއި ކުޅުދުއްފުށީ ޕޮލިސްއާ ގުޅިގެން ކުރިއަށްގެންދާ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމް އިފްތިތާހްކޮށްފި އެވެ. މި މަހުގެ 7 ވަނަ ދުވަހު މި ޕްރޮގުރާމް އިފްތިތާހްކުރިނަމަވެސް މި ޕްރޮގުރާމްގެ ކަސްރަތު ބައި ފަށާނީ މިރޭ އެވެ.

ބަލިތަކުން ރައްކާތެރިވެފައިވާ ސިއްހަތު ރަނގަޅު ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގަ ކުރިއަށްގެންދާ މި ޕްރޮގުރާމަކީ 30 ދުވަހުގެ ޕްރޮގުރާމެކެވެ.

މި ކަސްރަތު ޕްރޮގްރާމްގައި ކަސްރަތުކޮށްދޭނީ އެކަމުގެ ތަމްރީނާއި ތަޖުރިބާހުރި ފުލުހުންނެވެ. މި ޕްރޮގްރާމްގެ އިދާރީ މަސައްކަތްތަކާއި، ބައިވެރިންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ގަވައިދުން މޮނިޓާކޮށް ސިއްހީ މައުލޫމާތު ދޭނީ ޕަބްލިކް ހެލްތު ޔުނިޓުގެ ފަރާތުންނެވެ.

މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ހދ އެޓޯލް ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަޔާޒެވެ. އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކޮމާންޑާގެ އިތުރުން ކަސްރަތު ޕްރޮގްރާމް ލީޑް ކުރައްވާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަމްޖަދު އަލީ ވެސް ބައިވެރިންނާއި މުހާތަބުކުރެއްވިއެވެ. އަދި ޕަބްލިކް ހެލްތްގެ ފަރާތުން ކޮމިނިއުޓީ ހެލްތު އޮފިސަރު އަނޫޝާ އަލީވެސް ވަނީ ޕްރޮގުރާމު ތައާރަފް ކޮށްދީފަ އެވެ.

30 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމް 173 ބައިވެރިންނާއެކު އިފްތިތާހް ކުރެވުނު ނަމަވެސް އިތުރު ބައިވެރިންނަށް ފުރުސަތު ދިނުމަށް ހުޅުވާލުމުން އިތުރު 34 ބައިވެރިން މި ޕްރޮގްރާމާ ގުޅިފައިވެ އެވެ. އެހެންކަމުން، ޖުމްލަ 207 ފަރާތެއް މި ޕްރޮގްރާމްގައި ބައިވެރިވާނެކަމަށް ޕަބްލިކް ހެލްތު ޔުނިޓުން ބުންޏެވެ.

2018 ވަނަ އަހަރުގައި ވެސް މިފަދަ ޕްރޮގްރާމެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. އެއްމަސްދުވަހަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ޖުމްލަ 174 ފަރާތަކުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355