twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގަތަރާ ރާއްޖެއާ ދެމެދު ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށްކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށްފި

Aug 16, 2022

އުރީދޫގެ ތަސައްވަރާ އެއްގޮތަށް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީ ވަނީ ރާއްޖޭގެ މިނިސްޓީރިއަލް ޑެލެގޭޝަންއަކަށް ދައުވަތު ދީ، ގަތަރުގެ ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

އުރީދޫއިން ބުނީ، މި ބައްދަލުވުންތަކަކީ އެކުންފުނިން އިސްނަގައިގެން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކެކެވެ.

މި ބައްދަލުވުންތަކުގައި ރާއްޖެއިން އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާއި، އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީއާއި، މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ ދުންޔާ މައުމޫނުގެ އިތުރުން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވިއެވެ.

ބައްދަލުވުމުގައި ގަތަރުން ބައިވެރިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ބުތައިނާ ބިންތު ޢަލީ އަލްނުއައިމީއާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޝެއިހް ޑޮކްޓަރ ފަލިހް ބިން ނާސިރު ބިން އަހްމަދު ބިން އަލީ އާލް ސާނީއާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ޝެއިހް މުހައްމަދު ބިން އަލީ އާލް މަނާއީއާއި، މިނިސްޓަރ އޮފް ކަލްޗަރ، އާޓްސް އެންޑް ހެރިޓޭޖް، ޝެއިހް އަބްދުއްރަޙްމާން ބިން ހަމަދު އަލް ޘާނީ ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުގައި އުރީދޫ ގެ އިސް މެނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގަތަރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ރާއްޖޭގެ ގައުމީ ލައިބްރަރީ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ގަތަރު ފައުންޑޭޝަންއާއި ކަމާބެހޭ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން ގަތަރުގެ ގައުމީ ދާރުލްއާސާރާއި، ކަތާރާ ކަލްޗަރަލް ވިލެޖާއި، އާޓް ގެލަރީއާއި، ވޯކްޝޮޕްތަކާއި އެގްޒިބިޝަންތައް ބާއްވާ ތަންތަނާއި، ޕާފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ސަގާފީ ދާރުލްއާސާރުތައް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ބައްދަލުވުންތަކާއެކު އުރީދޫގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355